އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒެވެ.

އައްޑޫ ސިޓީގެ ހިތަދު އާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދަ ޢަރަބް ކޮންޓްރެކްޓާސް އާ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު، އިންޖިނިއަ ހެބާ އަހުމަދު އަބޫ ލައިލާ އެވެ.

މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައި ވަނީ ރައީސް މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބްރިޖަކީ ރާއްޖޭގައި އަޅާ އެންމެ ދިގު އަދި އެންމެ ބޮޑު ބްރިޖަށް ވާނެ ކަމުގަ އެވެ. ހަމަ އެހެންމެ މި އަހަރުގެ ތެރޭގައި މަސައްކަތްފަށައި، އެންމެ ގިނަވެގެން ހަތަރު އަހަރުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނިމިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ބްރިޖާ އެކު އައްޑޫ ސިޓީގެ އިޤުތިސާދަށް ކުރިއެރުން ލިބިގެންދިއުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީގެ މަރަދޫ އަދި މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ މި މަޝްރޫއަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ މިއީ އެމަނިކުފާނު ވައުދު ވެވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ބްރިޖުގެ ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތަކީ ހިލޭ އެހީގެ ދަށުން ކުރެވިގެންދާނެ މަސައްކަތެއްކަން ފާހަގަކުރައްވައިފަ އެވެ.