ތުނބުޅިއަކީ ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކުވައިދޭ އެންމެ މުހިއްމު އެއް ސިފަ އެވެ. ރީތި ތުނބުޅިއެއް ހުރުމަކީ މީހުންގެ މެދުގައި ތިބާގެ ގަދަރު އުފުލި އިހްތިރާމް ލިބޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ރީތި ތުނބުޅިއެއް ބޭނުންނަމަ ސަމާލުވާންވީ ބައެއް ކަންކަމަށެވެ.

މޫނު ސާފުކޮށް ބެހެއްޓުން

މޫނު ސާފުކޮށް ރީތި ކޮށް ބަހައްޓާ ވާހަކަ ބުނުމުން ކޮންމެ މީހަކަށް ވެސް ސިފަވާނީ އަންހެނުން މޫނު ސާފުކޮށް ބެހެއްޓުމަށް ކުރާ މަސައްކަތެވެ. ނަމަވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަކީ ވެސް މޫނުގެ ރީތިކަމަށް ސަމާލުކަން ދީ އަދި 'ސްކިން ކެއާ ރޫޓިން' އެއް ގެންގުޅެން ޖެހޭ ބައެކެވެ. އަދި ތުނބުޅި އެއް ރީތި ވުމުގައި ސާފު މޫނަކީ ވެސް މުހިންމު ދައުރެއް އަދާކުރާނެ އެއްޗެކެވެ.

ތުނބުޅި ސާފުކޮށް އަދި މަޑުކޮށް ބެހެއްޓުން

ކުރަކިވެ ހިކިފައިވާ ތުނބުޅި ރީތި ނޫން ކަމަށް އަހަރެެމެން އެންމެނަށް ވެސް އެއްބަސްވެވޭނެ އެވެ. އެހެން ކަމުން ސާފުތާހިރު ކަމަށް އިސްކަންދީ ތުނބުޅި ވެސް ސާފުކޮށް، މަޑުކޮށް ރީތިކޮށް ބާއްވަން ޖެހެ އެވެ. ތުނބުޅި ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ތުނބުޅި ދޮވުމަށް ހަފުތާއަކު ދެ ދުވަހަށްވުރެ އިތުރަށް ޝޭމްޕޫ ބޭނުން ނުކުރާށެވެ. ގިނައިން ކޮންޑިޝަނާ ބޭނުންކުރާށެވެ.

ތުނބުޅީގައި ފުނާ އެޅުން

ތުނބުޅީގައި ފުނާ އެޅުމުން ތުނބުޅީގައި އެއްވަރަކަށް ތެޔޮ ފެތުރިގެންދެ އެވެ. އަދި ތުނބުޅީގައި ފުނާ އެޅުމަކީ، ތުނބުޅި ރީތިކޮށް ބެހެއްޓުމަށާއި ތުނބުޅި ރީތިކޮށް ފެޅުމަށް ވެސް އެހީވެދޭނެ ކަމެކެވެ. ބިއާޑް އޮއިލްއަކީ ތުނބުޅީގައި ބޭނުންކުރުން އެންމެ ރަނގަޅު އުފެއްދުމެވެ. މިއީ ތުނބުޅި އަދި ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ އެއްޗެކެވެ.

އަވަސް އަވަހަށް ޓްރިމް ނުކުރުން

ރީތި ތުނބުޅިއެއް ބޭނުންނަމަ، މާގިނައިން ތުނބުޅި ޓްރިމް ކުރުމާއި ޝޭވް ކުރުން ރަނގަޅެއް ނޫނެވެ. ތުނބުޅި ދިގު ކުރުމަކީ ވަރަށް ބޮޑަށް އެކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެހެންކަމުން، އެންމެ ފުރަތަމަ ކަމަކަށް ތުނބުޅި އެއްވެސް ވަރަކަށް ނުބާލައި ހަތަރު ހަފްތާއެއްވަރު ބަހައްޓާލާށެވެ.