މޫނުގައި އެޅުމަށް އަމިއްލައަށް ގުދުރަތީ އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކުރާ މާސްކަކީ އެންމެ ރަނގަޅު ވައްތަރުގެ މާސްކު ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި މިކަހަލަ މާސްކު ހަދާ އިރު ރީނދުލަކީ ވަރަށް ގިނަ މީހުން ބޭނުންކުރާ އެއްޗެކެވެ.
ދާދިފަހުން ސްކޮޓްލޭންޓަށް ނިސްބަތްވާ ލޯރެން ރެނީ ނަމަކަށް ކިޔާ މީހަކަށް މިވަނީ އަމިއްލައަށް ތައްޔާރުކުރި މާސްކަކުން ދެރަގޮތެއް މެދުވެރިވެފަ އެވެ. އެގޮތުން މޫނުގައި ބިހި ނެގުން ހުއްޓުވުމަށް ލޯރެން ވަނީ ރީނދޫ އެކުލެވޭ މާސްކެއް ހަދާފަ އެވެ.
އޭނާ ހީކުރީ މި މާސްކުގެ ސަބަބުން މޫނު އޮމާންވާނެ ކަމަށެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް އެ މާސްކުގެ ސަބަބުން އޭނާގެ މޫނުގައި ރީނދޫކުލަ ހިފި އެވެ. ދޮވެގެން ވެސް ނުފިލުމުން މޫނު އޮމާންވުމުގެ ބަދަލުގައި މިހާރު ހުރީ އެއްކޮށް ރީނދޫވެފަ އެވެ. ހީވަނީ ސިންޕްސަންސްގެ ކެރެކްޓާ އެއް ހެންނެވެ.
"އަހަރެންގެ މޫނުން ވަރަށް ބިހި ނަގާ، އަހަރެން އެ ބިހިތައް ފަޅާލާކަށް ބޭނުމެއް ނުވޭ. އެހެންވެ އެކަން ރަނގަޅުވާނެ ގޮތެއް އޮތްތޯ އަހަރެން އިންޓަނެޓުން ހޯދަން ފެށިން،" ޓިކްޓޮކްގައި އޭނާ ފޮލޯކުރާ 17،000 މީހުންނާ މުހާތަބުކޮށް ބުންޏެވެ.
"އަހަންނަށް އިންޓަނެޓުން ފެނުނީ އަމިއްލަ އަށް ތައްޔާރުކޮށްލެވޭ ރީނދޫ އެކުލެވޭ މާސްކެއް. އެ މާސްކަކީ ބިއްސާއި މޫނުގައި ހުންނަ ރުލާއި އަދި އެހެނިހެން ކަންތަކުން ވެސް ދުރުކޮށްދޭ މާސްކެއް. އެހެންވެ އަހަރެން ހިތަށް އެރި މި މާސްކު އަޅަންވީ އޭ،" ލޯރެން ބުންޏެވެ.
މާސްކު ހަދަމުން ދިޔަ އިރު އެންމެ ފުރަތަމަ އަތުގައި ރީނދޫކުލަ ހިފާކަމަށް ލޯރެން އަށް ފާހަގަކުރެވުނެވެ.
މޫނުގައި ހާކަ ނިމުނު އިރު އަތް ހުރީ ވަރަށް ބޮޑަށް ރީނދޫވެފަ އެވެ. އޭނާ ހީކުރީ ދޮވެލުމުން އެ ކުލަ ފިލާނެ ކަމަށެވެ. ހީކުރި ގޮތާ ހިލާފަށް މީހާގެ މޫނުގައިވެސް އެ ކުލަ ހިފިގޮތަށް ނުވެސް ފިލި އެވެ. ވަރަށް ބޮޑަށް ދޮވުމުން އަދިވެސް ކޮންމެވެސް ވަރަށް ރީނދޫކުލަ ފާހަގަވާން ހުރެ އެވެ.
އޭނާގެ މި ވީޑިއޯ ޓިކްޓޮކަށް ލުމާއި އެކު ގިނަ ބަޔަކު ދަނީ އެ ވީޑިއޯ މަޖާ ވެގެން އެއަށް ލައިކް ކޮށް ކޮމެންޓް ކުރަމުންނެވެ. ބެލެވޭ ގޮތުގައި މޫނުގައި އެ ކުލަ ހިފަން މެދުވެރިވީ މާސްކު ހަދަން މާ ގިނައިން ރީނދޫ ބޭނުންކުރުމުންނެވެ.