ދޯހާ (10 ފެބްރުއަރީ) - ކޮވިޑާ ދެކޮޅަށް މޮޑާނާއިން އުފައްދާފައިވާ ވެކްސިން ގަރަތުގައި ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ އެ ގައުމުން ދީފި އެވެ.

ގަރަތުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނިގޮތުގައި މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނީ ވަރަށް ގިނަ ޓެސްޓްތަކެއް އެ ގައުމުގެ ކަމާ ބެހޭފަރާތްތަކުން ކުރިއަށް ގެންގޮސް އަދި އޭގެ ނަތީޖާއަށް ބެލުމަށްފަހު އެވެ.

ނޭޝަނަލް ހެލްތް ސްޓެރެޓީޖިކް ގްރޫޕްގެ ޗެއާ ޑރ. އަބްދުއްލަތީފް އަލް ހާލް ވިދާޅުވީ މޮޑާނާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުން އެ ވެކްސިނަކީ ވަރަށް ރައްކާތެރި އަދި އެހާމެ އިފެކްޓިވް އެއްޗެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މޮޑާނާ ވެކްސިނަކީ ގަތަރުގައި ބޭނުންކުރުމުގެ ހުއްދަ ދެވުނު ދެވަނަ ވެކްސިނެވެ. މީގެ ކުރިން އެގައުމުން ވަނީ ކޮވިޑް ވެކްސިން އުފައްދާ ކުންފުނި އެމެރިކާގެ ފައިޒާ އަދި ބަޔޯ އެން ޓެކްގެ ވެކްސިން ވެސް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.

ގަތަރުގެ ވެކްސިން ޕްރޮކިއުމަންޓް ޓާސްކްފޯސްގެ ޗެއާ ޑރ.އައިޝާ އަލް އަންސާރީ ވިދާޅުވީ ގަތަރުން އަބަދުވެސް ބަލަނީ އެ ގައުމުގެ ރައްޔިތުންނަށް އިންޓަނޭޝަނަލީ ގަބޫލުކުރާ ފެންވަރުގެ، ރަނގަޅު ވެކްސިނެއް ޖަހަން ކަމަށެވެ. އަދި އެ ގައުމުން ވެކްސިން ކުރިއާލައި ހޯދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް ގަތަރުން ވަނީ 155،453 ކޮވިޑް ކޭސް ރެޖިސްޓާ ކޮށްފަ އެވެ. އަދި މި ރޯގާގައި 253 މީހުން މަރުވެފައިވެ އެވެ.

ގަތަރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހު ކޮވިޑް ވައިރަސް ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެފަ އެވެ. އަދި މިއީ ކުރީގެ މަސްތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.