ސަލާމް ލެއްވި ނޫހުގެފާނުގެ ނައުކޮޅު ފަރުބަދައެއްގެ މަތީގައި ބީހުނު ވަގުތު ބިންމަތީގެ ޚަބަރު ސާފު ކުރެއްވުމަށް އެކަލޭގެފާނު ފޮނުއްވީ ކޮތަރެއް ކަމަށް ރިވާ ވެގެންވެ އެވެ. އެއީ މިޒަމާނުގެ ތާރީޚު ލިޔުމުގެ ކުރި އެވެ. އިންސާނީ ތާރީޚުގެ ސަފުހާތަކުގައި ލިޔެވި، ރައްކާ ކުރަންފެށި ހިސާބުއްސުރެ މުއާސަލާތުގައި ކޮތަރުގެ މުހިންމުކަން ފާހަގަ ވާން އެބައޮތެވެ. ދުނިޔޭގެ ގަދީމީ ހަޒާރަތްތައް ކަމަށްވާ ގަދީމީ މިސްރީންނާއި ގްރީކުންނާއި ފާރިސީން ވެސް މުއާސަލާތުގައި ކޮތަރު ބޭނުން ކުރިކަން އެނގެ އެވެ.
މުއާސަލާތުގެ ކަންކަމަށް ބޭނުންކުރާ ކޮތަރަކީ އޮޅުކޮށްގެން ގެންގުޅޭ ކޮތަރުގެ ބާވަތްތަކުގެ ތެރެއިން ވަކި ބާވަތެކެވެ. އެ ބާވަތުގެ ކޮތަރަށް ލިބިފައިވާ އިހުސާސްކުރުމުގެ ޚާއްސަ ބާރަކާއެކު އޭގެ ކޮށި ނުވަތަ ގެ، ކިތަންމެ ދުރަކުން ނަމަވެސް ހޯދައިގެން އެނބުރި އައުމުގެ ކުޅަދާނަކަން ލިބިގެންވެ އެވެ. މިބާވަތުގެ ކޮތަރު އެންމެ ޅައިރުއްސުރެ ތަމްރީނުކޮށް ގަދަ ވަޔާއި ތޫފާނުގައި ވެސް އާދަޔާ ޚިލާފު ދިގު ރާސްތާއެއް ކަޑައްތުކޮށްފައި ވެސް އޭގެ ގެއަށް ވާސިލުވުމުގެ ކުޅަދާނަކަން ހޯދައި ދެވެ އެވެ. އެއަށްފަހު އެ ކޮތަރުތައް ދުރު ދަތުރުތަކުގަ އާއި ހަނގުރާމަތަކުގައި ރަށަށް ޚަބަރު ފޮނުވުމަށް ބޭނުން ކުރެވެ އެވެ.
އާންމު ގޮތެއްގައި ކޮތަރުގެ މުއާސަލާތު ބިނާވެފައި އޮންނަނީ އެއްކޮޅަށް ފޮނުވޭ މެސެޖެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހަކަށް އައިސް އެސޮރުމެންގެ ނިދުމާއި ކެއުން ތަފާތު ދެތަނަކަށް ބަދަލުކޮށްގެން ކައިރި ހިސާބުތަކަށް ދުވާލަކު ދެފަހަރު ދަތުރުކުރެވޭނެ މަގު ފަހިކުރެވުނެވެ. މުއާސަލާތުގެ ބޭނުމަށް ގެންގުޅޭ ކޮތަރުތައް ގާތްގަނޑަކަށް ގަޑިއަކު 60 މޭލުގެ ބާރު މިނުގައި 600 މޭލުގެ ރާސްތާ ކަޑައްތު ކުރެ އެވެ. މިސަބަބާ ހުރެ މިޒަމާނުގެ ޓެލެފޯނު އީޖާދުވެ، އާންމުވުމުގެ ކުރިން ކޮތަކަކީ އެއްތަނުން އަނެއް ތަނަށް ސިޓީ އާއި މެސެޖު ފޮނުވަން ބޭނުންކުރެވުނު އެންމެ މުހިންމު ވަސީލަތެވެ.
ތާރީޚީ ގޮތުން ބަލާއިރު ރަސްމީ ސިފައެއްގައި މުއާސަލާތަށް ކޮތަރު ބޭނުންކުރަން ފެށީ މީލާދީން 1150 ހާތާނގައި ބަޣުދާދުގަ އެވެ. 1167 ހިސާބުގައި ބަޣުދާދާއި ދިމިޝްގާއި ދެމެދު ކޮތަރު މެސެޖުގެ ޚިދުމަތް ގަވާއިދުން ދެމުން ގެންދިޔަ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީގެ ބާނީ، ޕޯލް ރޮއިޓާ 1860 ވަނަ އަހަރު 45 ކޮތަރުގެ ފްލީޓެއް އޭނާގެ ނޫސްތައް ޑެލިވާ ކުރުމަށް ބްރަސެލްސްގައި ގެންގުޅުނެވެ.
ދުނިޔޭގެ ފުރަތަމަ އެއާ މެއިލްގެ ޚިދުމަތް ފެށީ ނިއުޒީލެންޑުގަ އެވެ. މިޚިދުމަތް ވެސް ފެށީ ކޮތަރު ބޭނުން ކޮށްގެންނެވެ. ނިއުޒީލެންޑުގެ އަވަށެއް ކަމަށްވާ ނިއުޓަން އާއި ގްރޭޓް ބެރިއާ އައިލޭންޑާއި ދެމެދު 1897 ގައި ފެށި ކޮތަރު މެއިލްގެ ޚިދުމަތަކީ ދިނޔޭގައި ގަވާއިދުން ފެށި އެންމެ ފުރަތަމަ އެއާމެއިލްގެ ޚިދުމަތެވެ. ގްރޭޓް ބެރިއާ ޕިޖަންގްރާމް ސާވިސްގެ ނަމުގައި 1898ން 1908 އަށް ދިން އެއާ މެއިލް ޚިދުމަތަށް އުފެއްދި ސްޓޭމްޕަކީ ފުރަތަމަ އެއާ މެއިލް ސްޓޭމްޕެވެ.
19 ވަނަ ގަރުނުގައި ނޫސްވެރިކަމުގައި ވެސް ކޮތަރުގެ ބޭނުން ހިފަމުން ގެންދިއަ އެވެ. ޔޫރަޕުން އެމެރިކާއަށް އަވަހަށް ޚަބަރު ގެންދިއުމަށް ކޮތަރުގެ ޚިދުމަތް ބޭނުންކޮށް އުޅުނެވެ. ލަންޑަނުން ނިއުޔޯކަށް ފޮނުވަން ޖެހޭ ޚަބަރު ގެންދިއުމަށްޓަކައި އެމރިކާގެ ސިޓީއެއް ކަމަށްވާ ހެލިފެކްސްގައި ކޮތަރު ސްޓޭޝަނެއް ހަދައި ޔޫރަޕްގެ ޚަބަރުތައް އެހިސާބަށް ގެންދިއުމަށް ފަހު ރިޕޯޓަރުން އެ ޚަބަރުތައް ލިޔެ، ނިއުޔޯކްގައި ހުންނަ ނޫސް ހެޑްކުއާޓަރަށް ފޮނުވައި އުޅުނެވެ.
ވިހިވަނަ ގަރުނުގައި ދުނިޔޭގައި ހިނގި ގިނަ ހަނގުރާމަތަކުގައި މެސެޖެ ފޮނުވުމަށް ކޮތަރު ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގުރާމައިގައި ކޮތަރުތައް ވަނީ މެސެޖު އުފުލުމުގައި ވަރަށް މުހިންމު ރޯލެއް ކުޅެފަ އެވެ. ހަނގުރާމައިގެ މުހިންމު ބައިވެރިން ކަމަށްވާ އެމެރިކާއާއި ފަރަންސޭސިންނާއި އިނގިރޭސީންގެ ތެރެއިން ކޮންމެ ބައެއް ވެސް އެތައް ސަތޭކަ ކޮތަރެއް މެސެޖް ފޮނުވުމަށް ގެންގުޅުނެވެ.
އޭގެ ތެރެއިން ބައެއް ކޮތަރުތައް ވަނީ އާދަޔާ ޚިލާފު ޚިދުމަތުގެ ސަބަބުން މަޝްހޫރުކަން ވެސް ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކޮތަރަކީ ޝޭއާމީ ގެ ނަމުން މަޝްހޫރުވެފައިވާ ކޮތަކެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި މުހިންމު މެސެޖެއް ހިފައިގެން ދަތުރުކުރި މި ކޮތަރު އެއް ލޮލާއި އެއްފައި ހަލާކު ވެގެން ވެސް އޭތީގެ މަންޒިލަށް ދަތުރުކުރި އެވެ. އޭގެ ފިޔަގަނޑުގައި އޮތް ކެޕްސޫލެއްގައި އޮތް މެސެޖްގެ ސަބަބުން ހައްޔަރުވެފައި ތިބި އެމެރިކާގެ 194 ސިފައިން ސަލާމަތް ކުރެވުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ވެސް ކޮތަރުގެ ބޭނުން އާދަޔާ ޚިލާފަށް ހިފި އެވެ. އިނގިރޭސި ވިލާތުން އެކަނި ވެސް 25،000 ކޮތަރު އެ ހަނގުރާމައިގައި ބޭނުން ކުރިކަމަށްވެ އެވެ.
ޒަމާނާއެކު ޓެލެފޯނާއި އިންޓަނެޓަށް އައި ތަރައްގީގެ ސަބަބުން މިއަދުގެ ދުނިޔޭގައި މުއާސަލާތުގެ ބޭނުމުގައި ކޮތަރު ގެންގުޅުމަށް ނިމުމެއް އައިސްފައިވި ކަމުގައި ވިޔަސް މިހާރު ވެސް އެކަހެރި ހިސާބުތަކުގައި މަދުމަދުން ކޮތަރުގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެކެވެ. އިންޑިއާގެ އެކަހެރި ސަރަހައްދެއް ކަމަށްވާ އޮޑިއްސާގެ ފުލުސް ސްޓޭޝަނެއްގައި ދާދި ފަހަކާ ޖެހެންދެން ވެސް މެސެޖް ފޮނުވުމަށް ކޮތަރުގެ ބޭނުން ކުރަމުން ގެންދިޔަ އެވެ. އެކިއެކި ތޫފާން ފަދަ ނުރައްކާތެރި ހާދިސާ މެދުވެރިވުމުން ކުއްލި އިމަޖެންސީ މެސެޖް ފޮނުވުމަށް ބޭނުންކުރި ކޮތަރުގެ ޚިދުމަތް ރަސްމީ ގޮތުން އެ އިދާރާއިން ހުއްޓާލީ 2002 ވަނަ އަހަރުގެ މާޗް މަހު އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އިންޓަނެޓާއި ފޯނުގެ ޚިދުމަތް ތަރައްގީވުމެވެ.
މިއަދުގެ ދުނިޔޭގައި ކޮތަރުގެ މުއާސަލާތީ ޚިދުމަތް މުޅިން ހުއްޓިފައި އޮތް ކަމަށް ވިޔަސް އިންޑިއާގައި ދޭތެރެ ދޭތެރެއިން ޖާސޫސުކުރުމުގެ ތުހުމަތު ކޮތަރުތަކުގެ ބޮލުގައި އެޅުވެ އެވެ. ޕާކިސްތާނުގެ ޖާސޫސީ ކޮތަރު ކަމުގައި ބެލެވި ބައެއް ކޮތަރު ހިފަހައްޓަ އެވެ. އެންމެ ފަހުން މިގޮތަށް ހިފެހެއްޓި ކަމުގައިވަނީ ޗައިނާ އަށް ޖާސޫސު ކޮށްދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ކޮތަރެކެވެ.
ޒަމާން ބަދަލުވެ ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ އެކު މުއާސަލާތުގެ ބޭނުމުގައި ކޮތަރު ގެންގުޅުން ނިމުމެއް އައި ކަމަށް ވިޔަސް އިންސާނުންގެ ދިރިއުޅުން މި ހިސާބަށް އައުމުގައި އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތުކޮށް ހެދުމުގައި ކޮތަރު ވަނީ އާދަޔާ ޚިލާފު މުހިންމު ރޯލެއް ކުޅެފަ އެވެ.