މޭކަޕް ކުރާއިރު ހަމަ ގައިމުވެސް އެންމެ މުހިއްމު އެކައްޗަކަށް ވާނީ ފައުންޑޭޝަނެވެ. ނުބައި ފައުންޑޭޝަނެއް ބޭނުން ކުރެވިއްޖެ ނަމަ މޭކަޕްގެ އަސްލު ނުފެނި މުޅި "ލުކް" ހަރާބުވެ އެވެ. އެހެން ކަމުން މޭކަޕް ކުރުމުގައި ފައުންޑޭޝަންއެއް ޚިޔާރު ކުރާއިރު ތިމާގެ ހަންގަނޑާ ގުޅޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ފައުންޑޭޝަންގައި މައިގަނޑު ދެވައްތަރެއް ހުންނައިރު ލިކުއިޑް ފައުންޑޭޝަން އަކީ ތަންކޮޅެއް ލައިޓް ފައުންޑޭޝަނެކެވެ. މޫނުމަތި ސާފުކޮށް ހުންނަ މީހެއް ނަމަ އެންމެ ރަނގަޅީ ލިކުއިޑް ފައުންޑޭޝަނެއް ކަމަށް މޭކަޕް އާޓިސްޓުން ބުނެ އެވެ.

އެއާ ޚިލާފަށް ކްރީމް ފައުންޑޭޝަންއަކީ ހަމުގެ ކުލަ އަނދިރިކޮށް ނުވަތަ ކަޅު މީހުންނާ ގުޅޭނެ ފައުންޑޭޝަނެކެވެ. އަދި މޫނުމަތީގައި ބިހި އަދި ލަކުނު ހުންނަ މީހުންނާ ވެސް ބޮޑަށް ގުޅޭނީ ކްރީމް ފައުންޑޭޝަނެވެ.

ފައުންޑޭޝަނެއް އިހްތިޔާރު ކުރާއިރު ތިބާގެ ހަންގަނޑަކީ ހިކި ހަންގަނޑެއްތޯ ނުވަތަ ތެޔޮ ހަންގަނޑެއްތޯ ބަލަންވާނެ އެވެ. އެހެން ނޫނީ ފައުންޑޭޝަންގެ ސަބަބުން ހަނގަނޑު އިތުރަށް ތެޔޮވެ ނުވަތަ ހިކިދާނެ އެވެ. ފައުންޑޭޝަން ގަންނައިރު އެކަމަށް ވެސް ސަމާލުކަންދޭންވާނެ އެވެ.

ފައުންޑޭޝަނެއް ހިޔާރު ކުރާއިރު ހަމުގެ ކުލައަށް ވަރަށް ރަނގަޅަށް ބަލަންވާނެ އެވެ. އެގޮތުން މޫނުގައި ކުޑަކޮށް އުނގުޅައިލައިގެން ޓެސްޓުކުރެވިދާނެ އެވެ.މޭކަޕް އާޓިސްޓުން ބުނަނީ އަތުގެ ބަދަލުގައި ކޮލުގެ ތިރީ ކައިރީގައި އުނގުޅައިގެން ފައުންޑޭޝަން ޓެސްޓުކުރުން މާ ރަނގަޅުވާނެ ކަމަށެވެ.