އިސްތަށިގަނޑުގައި ތަފާތު ކުލަތައް ޖެއްސުމަކީ މިހާރު ޒުވާނުންގެ މެދުގައި އާއްމު ކަމެކެވެ. ފެޝަންއަށް އުޅުމުގެ ގޮތުން އިސްތަށިގަނޑުގައި ކުލަ ޖެއްސުމުގެ ކުރިން ވިސްނާލަން ޖެހޭ ގިނަ ކަންކަން ހުރެ އެވެ. އެކަމުން ލިބޭ ގެއްލުންތައް ގިނަވީމަ އެވެ.

އެންމެ ފުރަތަމަ ކަމަކީ މިފަދަ ކުލަތަކުން އެލާޖީތައް މެދުވެރިކުރުވާ ކަމެވެ. އޭގެ ތެރޭގައި ބޮލުގައި ހަންފޮޅުން، އަދި ބޯ ދުޅަވުން ހިމެނެ އެވެ. މިފަދަ އެލާޖީތަކަކީ މީހާގެ ބޯ ނޫނަސް ލޯ، އެސްފިޔަ، ނޭފަތް އަދި މުޅި މޫނަށް ވެސް ފެތުރޭފަދަ އެލާޖީތަކެކެވެ.

އެއާއެކު އިސްތަށިގަނޑުގައި ތަފާތު އެކި ކުލަ ޖެއްސުމަކީ އިސްތަށިގަނޑުގަ ހުންނަ ގުދްރަތީ ރީތި ވިދުން ގެއްލުވާލާ އިސްތަށިގަނޑުގެ ވަރުގަދަކަން ނެތިގެންދާ ކަމެކެވެ. އިސްތަށިގަނޑުގައި ޖައްސާ ކުލައިގެ ސަބަބުން ބޯ ހިރުވުމަކީވެސް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.

އިސްތަށިގަނޑުގައި ޖައްސާކުލައިގައި ހުންނަ ޕީޕީޑީ ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ވެސް ބުނެވެ އެވެ. މިކަމަށް އަދި އެއްވެސް ސައިންޓިފިކް ހެތްކެއް ނެތް ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ކުލަތަކުގައި ހުންނަނީ ޕީޕީޑީގެ ވަރަށް ކުޑަ މިންވަރެއްކަމަށާއި، އަދި އެ މިންވަރަކީ ކެންސަރަށް މަގުފަހިކުރުވާނޭ މިންވަރެއް ނޫންކަމަށް ވެސް ބުނެފަ އެވެ.

އެހެން ކަމުން ދެން އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށް ނިންމުމުގެ ކުރިން މިކަންކަމާ މެދު ވިސްނާލުމަކީ ރަނގަޅު ކަމެކެވެ.