ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ.

އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ބައްދަލުކޮށްފައިވާ ކަމަށެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އާ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާ ވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ޚިދުމަތް ދެއްވާ ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ހުސެއިން ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ ބިލްޑިން އަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަ ސްޓޭޝަނެއް ވެސް ވަނީ ގާއިމު ކޮށްފަ އެވެ.