ގދ. އަތޮޅުގައި ހަދަން ފަށާފައިވާ ލޮނުދުއާ ހުއްޓާގައި ބޯމައްޗަށް ކޮންކްރިޓީ ޝީޓެއް ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ގދ. ގައްދޫ، ބުލްބުލާގެ، މުހައްމަދު ފިރުޝާން 17، ގެ ކަނާތު ފައިގެ އެއްބައި ބުރިކޮށްލައިފި އެވެ.

ފިރުޝާންގެ ފައި ބުރިކޮށްލާފައިވާކަން އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޝީޓް ވެއްޓުނު ހާދިސާގައި ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. މި ހާދިސާގައި އޭނާ ކަނާތު ފައި ވަނީ ތިން ތަނަކުން ބިންދިފަ އެވެ. މީގެ އިތުރުން ބޮލަށާއި އެތެރެހައްޓަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

ފިރުޝާން މާލެ ގެނައީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އިއްޔެ އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ވަނި އޭނާގެ ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭގެ ތެރެއިން އިއްޔެ ކުރި އޮޕަރޭޝަނުގައި ފިރުޝާންގެ ކަނާތު ފައި ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ވަނީ ބުރިކޮށްލައިފަ އެވެ.