ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2024 ގައި ބައިވެރިވުމަށް ދިވެހި ޝެފުންގެ ޓީމް ޖަރުމަނަށް ފުރައިފި އެވެ.

މިމަހު ފަހަކުން ހަޔަކަށް ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމުގައި ހިމެނެނީ ކެއްކުމުގެ ދާއިރާއިން ގިނަ ވަނަ ތަކެއް ހޯދާފައިވާ ދިވެހި އެގްޒެކެޓިވް ސޫ ޝެފް އިބްރާހިމް ޒުހައިރުގެ އަދި ޒުވާން ދެ އަންހެން ޕޭސްޓްރީ ޝެފުން ކަމަށްވާ އާމިނަތު ލަހުފާ އަދި ޖުނައިނާ ޖަމްޝީދު އެވެ.

ޝެފުންގެ ޓީމުމް އައިޓީބީ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ސަގާފީ ކާބޯތަކެތި ބެހުމާއި އަދި ސްޓޭންޑް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭސަންގައި ދައްކާލުމަށް ހަމަޖެހިފައި އެވެ.

އަދި މި އަހަރު ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ މޯލްޑިވިއަން އީވްނިންގ 2024 ގައި އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު އަދި ރާއްޖޭގެ ފުރަތަމަ މާސްޓަރ ޝެފްސް މަހާ ނަޞީރުގެ ބެލުމުގެ ދަށުން ދިވެހި ޝެފުންގެ ޓީމުން 500 އަށް ވުރެ ގިނަ މީހުންނަން ބާއްވާ ގާލާ ހަފްލާގައި ދިވެހި ފިއުޝަންގެ ކާބޯތަކެތީގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ވަނީ ނިންމާފަ އެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކާއި އަދި ޓުއާ އޮޕަރޭޓަރުން ހިމެނެ އެވެ.

މި އަހަރު އައިޓީބީ ބާލިން 2024 ގައި އެމްއެމްޕީއާރްސީ އިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޭންޑްގައި ފަތުރުވެރިކަމާއި ބެހޭ 100 އަށްވުރެ ގިނަ ކުންފުންޔަކުން 106 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.