ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 107 ކުންފުންޏެއްގެ 214 މަންދޫބުން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނީ ބާލިންގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާގައި ވިޒިޓް މޯލްޑިވްސްގެ ޓީމާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޓޫރިޒަމް މިނިސްޓްރީގެ މަންދޫބުން އަދި އިންޑަސްޓްރީ ޕާޓްނަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެ އިދާރާތައް ގުޅިގެން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތް ގައުމަށް ފައިދާހުރި ގޮތެއްގައި ކުރިއެރުވުމަށް ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ އައިޓީބީ ބާލިން 2024 ގައި ޖަރުމަނާއި މުޅި ދުނިޔޭގެ ޓްރޭވަލް ޕާޓްނަރުންނާއެކު ވަރުގަދަ ގުޅުންތަކެއް ގާއިމު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި، ފަތުރުވެރިންނަށް އެންމެ މަތީ ދަރަޖައިގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ވަރުގަދަކޮށް ބައިވެރިވާ ސްޓޭކްހޯލްޑަރުންނަށް އެބޭފުޅުންގެ ވަކިވަކި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޕްރޮޑަކްޓްތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ފެއާގައި ރާއްޖެ އިޝްތިހާރުކޮށް، ފަތުރުވެރިންނަށް އިންތިޒާރުކުރަމުންދާ ތަފާތު ތަޖުރިބާތަކާއި، ރިވެތި ސަގާފަތާއި، ތަރިކަ ދައްކުވައިދޭނެ އެވެެ. އެގޮތުން، ރާއްޖޭގެ އުފެއްދުންތައް ދައްކުވައިދީ ގައުމުގެ މުއްސަނދި ތަރިކަ އާއި ކުޅަދާނަކަންވެސް ދައްކުވައިދޭނެ އެވެ.

އެގޮތުން، ސަގާފީ ޕާފޯމަންސްތަކުން ޖަރުމަނަށް ރާއްޖޭގެ ސަގާފަތް ގެނެސްދީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީރު ރަހަތައް ދައްކުވައިދިނުމަށް ކުދި ކާނާ ތައްޔާރުކުރާ ގޮތާއި ޕްރެޒެންޓޭޝަނާއި ރަހަ ބެލުން ފަދަ ކަންކަން ވެސް ފެއާގައި ކުރިޔަށްގެންދާނެ އެވެ.