ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ބޮޑެތި ބަދަލުތަކެއް ދިރިއުޅުމަށް ގެންނަން ޖެހެ އެވެ. ދިރިއުޅުމުގެ ލައިފްސްޓައިލަށެވެ. ކެއިން ބުއިމާއި ހެލިފެލިވެ އުޅުމަށެވެ.
މި ބަދަލުތައް ދިރިއުޅުމަށް ގެންނަ އިރު އެންމެ ރަނގަޅު ގޮތުގައި ގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނަށް އާއްމުކޮށް ހެދޭ ބައެއް ގޯސްތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.
ގަޑިން ގަޑިއަށް ނުކެއުން
ކެއުންތައް ނުކައި ދޫކޮށްލުމަކީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުން އާއްމުކާށް ކުރާ ކަމެކެވެ. ހަށިގަނޑަށް އެތެރެވާ ކެލޮރީސް މަދުކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް ހަގީގަތަކީ މިފަދައިން ކަންތައް ކުރާނަމަ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނުލިބި ބަރުދަން ލުއިކުރުމަށް އެހީވާ ހަށިގަނޑުގެ މެޓަބޮލިޒަމް ލަސްވުމެވެ. ނަތީޖާއަކަށް ވަނީ ބަރުދަން ލުއިވުމުގެ ބަދަލުގައި އިތުރުވުމެވެ.
ހަކުރު ބޭނުންކުރުން
ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ގިނަ މީހުން އެނާޖީ ޑްރިންކްސް ފަދަ ހަކުރު ގިނަ ކަމަށް ބެލެވޭ ބުއިންތަކާ ދުރުވެ އެވެ. ނަމަވެސް ފްރެޝް ޖޫސްގެ ނަމުގައި ޕަކެޓުކޮށް، ވިއްކަން ހުންނަ ބުއިންތައް ބޭނުން ކުރެވެ އެވެ. ވިސްނާލަންވީ ކަމަކީ މިފަދަ ބުއިންތަކުގައި ވެސް ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ކަމެވެ. އެހެން ކަމުން ދިޔާތަކެތީގެ ގޮތުގައި ދުވާލަކު ހަތަރު ލީޓަރު ފެން ބޮވިދާނެ އެވެ. ރަހަ ބަދަލުކޮށްލުމަށް ލުނބޯ ނުވަތަ މިންޓް ލީވްސް (ކުދީނާ ފަތް) ވެސް ބޭނުން ކުރެވިދާނެ އެވެ.
ހަމައަށް ނުނިދުން
ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭނަމަ، ބަނޑުހައި ހޫނުކަން އިތުރުކޮށްދޭ ހޯމޯންސް ހަށިގަނޑުގައި އުފެދުން ގިނަވެ އެވެ. ނަތީޖާ އަކަށް ވަނީ ނިދިން ހޭލެވޭ އިރު ބަނޑުހައިވެ، "ޖަންކް ފުޑް" އޭ ކިޔާ ކާނާގެ ބާވަތްތައް ކާހިތްވުމެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް މަދުވެގެން އަށް ގަޑިއިރުގެ ނިދި ހަމަކުރަން ވާނެ އެވެ.