ކޮފީ ވިތު ކަރަންގެ ހަތަރުވަނަ ސީޒަންގައި އިމްރާން ހަޝްމީއާއި މަހޭޝް ބަޓް ފެނުނު އެޕިސޯޑު ވެގެން ދިޔައީ ބޮލީވުޑްގައި "މައްސަލަ ބޮޑު" ޕްރޮގްރާމަކަށެވެ.

އެ ޕްރޮގްރާމުގެ ތެރެއިން އައިޝްވާރްޔާ ރާއީއާ މުހާތަބުކޮށް އިމްރާން "ޕްލާސްޓިކް" އޭ ބުނުމުން ދޭހަވީ އައިޝްވާރްޔާ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ކަމަށް ބުނެ އޭރު އިމްރާންއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އޭގެ ދިހަ އަހަރު ފަހުން މިއަދުވެސް އެކަމާ ބެހޭ ގޮތުން އިމްރާންއަށް ދޭތެރެ ދޭތެރެއިން ސުވާލު ކުރެވެ އެވެ. އެގޮތުން ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިމްރާން ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އިމްރާން ބުނީ އެ ޝޯގައި އޭނާ ބުނި ބަހަކީ މަޖަލަކަށް ބުނި ބަހެއް ކަމަށާއި އެއްވެސް ހާލަތެއްގައި އައިޝްވާރްޔާއަށް ފުރައްސާރަ ކުރަން ބުނި ބަހެއް ނޫން ކަމަށެވެ.

އެއާއެކު އެ ބަހަށް އެއްވެސް އިރަކު އައިޝްވާރްޔާގެ ކިބައިން މައާފަށް އެދިފައިނުވާނެ ކަމަށާއި އެއީ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ކަމަށް ނުފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އިމްރާން ހަޝްމީއަކީ އޭނާ ދޭ އިންޓަވިއުތަކުގައި ބުނާ ބަސްބަހުގެ ސަބަބުން އާއްމުކޮށް އާއްމުންނާއި މީޑިއާގެ ސަމާލުކަން ހޯދާ ތަރި އެކެވެ.