މަތިމަހާއި ތުނބުޅި ބޭލުމަކީ ފިރިހެނުން އާއްމުކޮށް ކުރާކަމެއް ނަމަވެސް އެކަން ކުރެވޭ ގޮތަކުން ހަންގަނޑު ހިރުވައި ބިހި ނެގުން ފަދަ ކަންކަން ކުރިމަތިވާ ކަމެކެވެ. މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި ތުނބުޅި ބާލާއިރު ބައެއް ކަންކަމަށް ސަމާލުވާން ޖެހެ އެވެ.

މޫނު ދޮވުން

ތުނބުޅި ބާލާއިރު އިސްތަށިތަކުގެ ބުޑުން ބުރިވަމުން ދާނީ ހަންގަނޑު ސާފުކޮށް ބަހައްޓައިގެން ޝޭވް ކުރުމުންނެވެ. އެންމެ ރަނގަޅު ގޮތަކީ ތުނބުޅި ބޭލުމުގެ ކުރިން މޮއިސްޗަރައިޒިން ބޮޑީ ވޮޝްއަކުން މޫނު ދޮވެލުމެވެ.

ރަނގަޅު ރޭޒަރެއް ޚިޔާރު ކުރުން

ގިނަ ދުވަސް ވެފައި ނުވަތަ އެކި ފަހަރު މަތިން ބޭނުން ކޮށްފައި ހުންނަ ރޭޒަރު ބޭނުންކުރުން ދޫކޮށްލާށެވެ. ރޭޒަރުގެ ތިލަ ކޮށިވުމަކީ މޫނުގައި ބިހި ނަގަން މަގުފަހި ކުރުވާ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ރޭޒަރެއް ވެސް އެއްފަހަރު ބޭނުންކޮށްފައި އެއްލާލުމެވެ.

ރޭޒަރު ބޭނުން ކުރުމުގައި ފަރުވާތެރިވުން

ތުނބުޅި ބާލާއިރު މަޑު މަޑުން ހަރަކާތްތައް ގެންގުޅުން މުހިއްމެވެ. އަވަސް އަރުވާލައިގެން އުޅޭނަމަ ކަނޑައިގެން ގޮސް ހަންގަނޑަށް ގެއްލުން ވުން އެކަށީގެންވެ އެވެ. އެއާއެކު އެއްސަރަހައްދެއްގައި އެހާ ގިނައިން ރޭޒަރު ހިންގުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އިސްތަށި ފަޅާފައި ހުންނަ ކޮޅަށް ރޭޒަރު ހިންގުމުން އިސްތަށިތައް ބުރިވުން ފަސޭހަވާނެ އެވެ.

ނިންމާލުމަށްފަހު ފިނިކުރި ފެނުން މޫނު ދޮވުން

ތުނބުޅި ބާލާ ނިމުމުން އެންމެ ފުރަތަމަ ކަމަކަށް ފިނިކުރި ފެނުން މޫނު ދޮވެލާށެވެ. ހަންގަނޑުގައި ފިނިފެން ޖެހުމުން އެ ސަރަހައްދުގައި ހުޅުވިފައިހުރި ޕޯސް (ހަމުގަ ހުންނަ ވަޅުތައް) ބަންދުވެ ހަންގަނޑު ހަމައަކަށް އަޅުވާލާ އެވެ.