ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޖަމާކޮށް ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީން މިހާރު މިފްކޯއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ކުރަމުން އަންނަ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް މިރޭ ނޫނީ މާދަމާ ފައިސާ ޖަމާކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ ފަރާތެއް ކަމުގައިވާނަމަ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައިވުމުން ފައިސާ ޖަމާކުރުމުގައި ލަސްވެދާނެކަމަށް މިނިސްޓަރު ޝިޔާމް ފާހަގަ ކުރެއްވި އެވެ.
ރޯދަ މަސް ފެށެންވާއިރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ހުރިހާ ފައިސާއެއް ދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ ހަފުތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދުވާފަރުގައި ބޭއްވި ޖަލްސާގަ އެވެ.
އެ ދުވަހު ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އައި ފަހުން ވަނީ މަސްވެރިންނަށް ދޭން ޖެހޭ 600 އެއްހާ މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
މި ސަރުކާރުން ވަނީ މިފްކޯ އަށް މަސް ގަންނަ އަގު މީގެ މަހެއްހާ ދުވަސް ކުރިން 20ރ. އަށް ބަދަލުކޮށްފަ އެވެ.
މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.