ބުރުގާ އަޅާ ގިނަ މީހުންގެ އިސްތަށިގަނޑު އަވިން ސަލާމަތް ވެފައިވާއިރު ވެސް، އިސްތަށިގަނޑަށް ތަފާތު މައްސަލަތައް މެދުވެރިވެ އެވެ.

އެންމެ އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ގިނައިން އިސްތަށި ފޭބުން، އިސްތަށިގަނޑު ނުހިކި ތެތްކޮށް ހުރުން، ހަންފޮޅުން އަދި ގޮށް ޖެހުން ހިމެނެ އެވެ.

މީގެ ތެރެއިން އެންމެ އާންމު ކަމަކީ އިސްތަށި ފޭބުމެވެ. މި މައްސަލަތަކަކީ ސީދާ ބުރުގާ އާ ބެހޭ މައްސަލައެއް ނޫނެވެ. އެއީ ބުރުގާގެ ދަށުގައި ގިނައިރު ފޮރުވާ ބަންދުކޮށްފައި ހުންނަ އިސްތަށިގަނޑަށް ސަމާލުކަންދެވޭ މިންވަރު ކުޑަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އިސްތަށި ފޭބުން ކުޑަކުރުމަށް އިސްތަށިގަނޑު ވާންކޮށް އެއްސުމުގެ ބަދަލުގައި ދޫކޮށް އައްސާލުން މުހިންމެވެ. އިސްތަށިގަނޑު ތެތްކޮށް ހުއްޓައި ބުރުގާ އެޅުމުގެ ބަދަލުގައި އަބަދުވެސް އިސްތަށިގަނޑު ރަނގަޅަށް ހިއްކާލަން ވާނެ އެވެ.

އަބަދު ހެއާ ޑްރަޔާ ބޭނުންކުރުމަކީ ވެސް އިސްތަށި ފައިބާ ސަބަބެކެވެ. އިސްތަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ބޭނުންވާ ކާނާ ކެއުމުގެ ތެރޭގައި ހިމެނުން ވަރަށް މުހިންމެވެ. މިސާލަކަށް މަސް، ކުކުޅު ބިސް، ސްޕިނޭޝް ފަތް، އަދި ބަދަނުގެ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން ޝޭންޕޫ އަދި ކޮންޑިޝަނާ ބޭނުން ކުރަންވާނެ އެވެ.