ޝާއުބާން މަހުގެ 29 ވަނަ ދުވަހަކީ ޒަމާނުއްސުރެ ދިވެހިންނަށް ޚާއްސަ ދުވަހެކެވެ. ރޯދަ މަހަށް ހަނދު ބެލުމަށް ވީހާ ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ނުކުތުމަކީ އާދަކާދައިގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. އެ ހަނދު ފެންނަ މީހާއަކީ ވަރަށް ބޮޑު ޝަރަފެއް ލިބިގެންވާ މީހެއްގެ ގޮތުގައި ދުށް ޒަމާނެއް ވެސް ފާއިތުވެގެން ހިނގައްޖެ އެވެ.
ރާއްޖޭގެ ގަދީމީ ތާރީޚާ ބެހޭ ގޮތުން އެންމެ ތަފުސީލީ ލިއުމެއް ލިއުއްވި ފްރާންސްވާ ޕިރާޑް، ރާއްޖޭގައި ރޯދަ މަސް ފާހަގަ ކުރާގޮތާ ބެހޭ ގޮތުން ވަރަށް ދިގު ކޮށް ލިއުއްވާފައިވެ އެވެ. ޕިރާޑް ލިއުއްވާފައި ވާގޮތުގައި ރޯދަމަހަށް ހަނދުފެނުމާ އެކު ބެރު ދުންމާރި ތާޅަފިލި ފުމެ މުޅި ރަށު ތެރޭގައި އަޑުގަދަ ކޮށްލާނެ އެވެ. ހަނދު ފެނުނުކަން އިއުލާންކުރުމަށް އެ ޒަމާނުގައި މާލޭގައި ބެރު ދުންމާރި ތާޅަފިލި ފުމެ އުޅުނު ފަދައިން ދާދި ފަހަކާ ޖެހެން ދެންވެސް ރޯދައަށް ހަނދު ފެނުނުކަން އިއުލާން ކުރުމުގެ ގޮތުން މާލޭގައި ބަޑި ޖަހައި އުޅުނެވެ. ރަށްފުށުގައި ސަންގު ފުމުން ފަދަ ހަރަކާތްތަކުގެ އިތުރުން ކައިރި ކައިރީގައި ހުންނަ ރަށް ރަށަށް އެ ޚަބަރު ދިނުމަށްޓަކައި އަތިރިމަތީގައި ބޮޑެތި އަލިފާންގަނޑު ރޯކޮށް އުޅުނު ޒަމާނެއް ވެސް ދިޔަ އެވެ. އެއީ އިންޓަނެޓާއި މޯބައިލް ފޯނުގެ ޒަމާނެއް ނޫނެވެ. ރޭޑިއޯއާއި ޓީވީގެ ޒަމާނެއް ވެސް ނޫނެވެ.
މީގެ 400 އަހަރުގެ ފަހަތަށް ޖެހިލައި ބަލާލާއިރު ވެސް ފެންނަން އޮތީ ރޯދަ މަހުގައި ދިވެހިންގެ އުޅުން މުޅިން ތަފާތު ގޮތަކަށް ބަހައްޓާ ކަމެވެ. އެއީ އަޅުކަމުގެ މަހަކަށް ވުމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭ ތަނެވެ. ހަމަ އެފަދައިން އެމަހަކީ އުފާވެރި މަހެއްގެ ގޮތުގައި ފާހަގަ ކުރުމުގެ ގޮތުން މުނިފޫހި ފިލުވުމުގެ އެކި އެކި ހަރަކާތްތައް ވެސް ހިންގައި އުޅުނު ކަމެވެ.
ޕިރާޑު ލިއުއްވާފައިވާ ގޮތުގައި ރޯދަ މަހަށް ހަނދު ފެނުމާއެކު އެކި މީހުން ވަކި ވަކީންނާއި ބައި ބަޔަށް ތިމާގެ މީހުންގެ ގޭގެއަށް ޒިޔާރާތް ކޮށް އެންމެން އެކުގައި ކައިބޮއި މަޖާކޮށް ހަދާނެ އެވެ.
"މީގެތެރޭގައި ނެށުމާއި އެހެންވެސް މުނިފޫހި ފިލުވުމުގެ ކުޅިވަރު އޮވެއެވެ." ޕިރާޑުގެ ފޮތުގައިވާ ގޮތުން ފަޖުރުލުމާ ދާދި ގާތްވަންދެން ވެސް މިކަން އެ ހަރަކާތްތައް އޮވެ އެވެ. މުނި ފޫހިފިލުވުމާއި މަޖަލުގެ އެ ހަރަކާތްތައް ފެށުމުގެ ކުރިން އެރެއަށް ޚާއްސަ އަޅުކަން ކަމުގައިވާ ތަރާވީހަށް އެންމެން ވެސް ދާނެ އެވެ. ކުޅިވަރާއި ކެއިން ބުއިމުގެ ހަރަކާތްތަށް ފެށެނީ ތަރާވީސް ނަމާދަށް ފަހު އެވެ.
މިޒަމާނަށް ބަލާއިރު ވެސް ރޯދަ މަހުގެ އަޅުކަންތަކާ އެއްވަރަކަށް މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ދެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން މާލޭގައި ހަވީރު ދަޅަޔަށް ބައިސްކަލު ދުއްވާލަން ދިއުމާއި ގުޑި އެރުވުން ފަދަ ކަންތައް ކޮށް އުޅުނެވެ. ރޭގަނޑު ތަރާވީހަށް ފަހު ރައްޓެހިން އެއްބަޔަކު އަނެއް ބައެއްގެ ގެއަށް ގޮސް ކައިބޮއި ހެދުން ފަދަ ހަރަކާތްތަކާއި ތަފާތު ކުޅިވަރުތައް ކުޅުން އޮތެވެ.
ރޯދަ މަހަކީ އަޅުކަމަށް ޚާއްސަ މަހެއް ކަމުން އެމަހުގައި ދީނީ ވައުޟު ބުނުމަކީ ވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ޕިރާޑު ރާއްޖޭގައި އުޅުއްވި ދުވަސްވަރު ވައުޟު ވިދާޅުވަނީ ފަނޑިޔާރު ކަލޭގެފާނެވެ. އެކަން އޮންނަނީ ކޮންމެ ދުވަހަކު 3 ޖަހާކަށް ހާއިރު ފަނޑިޔާރު މަނިކުފާނުގެ ގެކޮޅުގަ އެވެ. ނުވަތަ މިސްކިތުގަ އެވެ. ނުވަތަ ރަސްގެފާނުގެ ގަނޑުވަރުގަ އެވެ. ވައުޟު ބުނުމާއި ދީނީ ނަސޭހަތް ދިނުމަކީ މިހާރު ވެސް ރޯދަމަހާ ގުޅޭ އާދައަކަށް ވެފައި އޮންނަ ކަމެކެވެ. ތަފާތަކީ ހާލަތާއި ތަނެވެ.
ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން މިނިވަން ކުރެއްވި އުތީމު މުހައްމަދު ތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ވެރިކަމުގައި ވެސް ރޯދަ މަހުގައި، ވެރިކަމުގެ ފަރާތުން ބޮޑުންނަށް ޖާފަތް ދިނުން އޮވެ އެވެ. ޕިރާޑު ލިއުއްވާފައިވާ ގޮތުގައި ރޯދަ ވީއްލުމުގެ ގޮތުން ގަނޑުވަރު ތެރޭގެ ބޮޑުންގެ ހިސާބުން ފެށިގެން އެންމެ އާދައިގެ ގޭގޭގައި ވެސް އެބައެއްގެ މިންވަރުން ކާނާ ތައްޔާރުކޮށް، އެކި މީހުނަށް ދައުވަތު އަރުވާނެ އެވެ. ޒަމާން ބަދަލު ވިޔަސް ކުދި ކުދި ތަފާތުތަކާ އެކު ރޯދަ ވީއްލުމަށް އަވައްޓެރީންނާއި ރަހުމަތްތެރީންނަށް ދައުވަތު ދިނުމަކީ މިހާރު ވެސް އޮންނަ އާދައެކެވެ.
ޒުވާން ކުދިން މުނިފޫހިފިލުވުމަށް ހިންގާ ހަރަކާތްތަކަކީ ވެސް ރޯދަ މަހާ ދިމާކޮށް ޚާއްސަކޮށް އިތުރުވާ ކަންތައްތަކެއް ކަން ޕިރާޑުގެ ލިއުއްވުންތަކުން އެނގެ އެވެ.
"މިކަން ކުރުމުގައި އެކަކު އަނެކަކަށް ޅެންތައް ލިޔެ ފޮނުވާނެއެވެ. މީގެ ތެރޭން ގިނަ ޅެންތައް ހުންނަނީ 12 ނުވަތަ 14 ބައިތުގެ (ރައިވަރު) މައްޗަށެވެ. މިތަކެތި އެބައިމީހުން ލިޔަނީ ދިވެހި ރުކުގެ ބޮންތި ފަނުގައެވެ. ފިރިހެން ކުދިން މީރުވަސް ދުވާ މާ ބިނދެގެން އެއިން ވަރަށް ރީތިކޮށް މާބޮނޑިތައް ބަނދެއެވެ. ދެން އެ ފޮނުވާނީ އަންހެން ކުދިންނަށެވެ. މީގެ ބަދަލުގައި އެކުދީން ފޮނުވާނީ ހެދި ބިލެތެވެ. މިއީ ވަރަށް ކަމޭ ހިތައިގެން ރީތިކޮށް ވަކި ގަވައިދަކަށް ތައްޔާރު ކުރާ އެއްޗެކެވެ." އޭނާ ލިޔުއްވާފައިވެ އެވެ.
ޕިރާޑުގެ ޒަމާނުގައި ބޮންތި ފަނާއި ހެދިބިލަތުން ހިންގައި އުޅުނު މުއާމަލާތްތައް މިއަދުގެ ޒުވާނުންނާއި ހަމަޔަށް އައިއިރު އޮތީ ކޮފީ މޭޒު ދޮށާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ ތެރެއަށް ވެއްޓިފަ އެވެ.
ޒަމާން ބަދަލު ވިޔަސް ރޯދަ މަހަށް ދިވެހިން ދޭ ސަމާލު ކަމަށް ބަދަލެއް ނާދެ އެވެ. ރޯދަ މަހަކީ އަޅުކަމަށް ޚާއްސަ މައްސަރަކަށް ވުމުގެ އިތުރުން މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް އެމަހުގައި ކުރިޔަށް ދެ އެވެ.