އިންޓަނެޓަކީ އަޖާއިބުން ފުރިގެންވާ ތަނެކެވެ. އެއީ މައުލޫމާތުގެ ޚާޒާނާއެކެވެ. ދީނާއި ދުނިޔެއާ ބެހޭ ކޮންމެ ދާއިރާ އަކުން ވިޔަސް ބޭނުންވާ މައުލޫމާތެއް ހޯދާލުމަށް މިއަދު ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ދާން އޮތް ތަނަކީ އިންޓަނެޓެވެ. އެތަނުން ނުލިބޭނެ މައުލޫމާތެއް ނެތޭ ބުންޏަސް އެހެދެނީ މުޅިން ދޮގަކަށް ނުވާނެ އެވެ.

ދުނިޔޭގެ ގައުމުތަކުގައި ރޯދަ މަހުގެ ސަގާފަތާ ގުޅިގެން ހިނގާ ހަރަކާތްތަކެއް ބަލާލަން ސާޗް ކޮށްލުމުން 8 އައިޓަމް ހިމެނޭ ލިސްޓެއް އައިއިރު އޭގައި އޮތީ ރާއްޖޭގައި ރޯދަ މަހާ ގުޅުވައިގެން ކޮށް އުޅޭ ސަގާފީ ކަމެއްގެ ވާހަކަ އެވެ. ރާއްޖެ ވެސް މި އުޅެނީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުރީގައިތާއޭ ހިތަށްއެރި އެވެ.

ލިސްޓުގައި ރާއްޖެ އޮތީ ހަތަރުވަނާގައި ކަމުން ހަތަރު ވަނައަށް ދިއުމުގެ ކުރިން އެކެއް، ދޭއް، ތިނެއް، ކިޔާލަން ޖެހޭ ކަމުން، އެ ނަމްބަރުތަކަށް މަތިމަތިން ކަޅިއެއް އެއްލައިލައިފީމެވެ. މުޅިން ވެސް ހުރީ އިސްލާމީ ގައުމުތަކުގައި ރޯދަ މަސް ފާހަގަކުރުމުގެ ތެރޭގައި ކޮށްފައި ހުރި ތާރީޚީ ސަގާފީ ކަންތަކުގެ ވާހަކަ އެވެ.

ލިސްޓުގެ އެންމެ ފުރަތަމަ އައިޓަމަކަށް އޮތީ ތުރުކީ އާއި މިސްރުގައި ހާރުކެއުމަށްޓަކައި މީހުން ހޭލެއްވުމަށް ބެރު ޖަހަމުން މަގުމަތީގައި ހިނގާ ވާހަކަ އެވެ. އެއީ ޒަމާންތަކެއް ވަންދެން އެދެ ގައުމުގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކެއްގައި ހިނގާފައިވާ ކަމެކެވެ. މިއަދު އެއީ އެގައުމުތަކުގައި ރޯދައިގެ ސަގާފަތުގެ ބައެކެވެ.

ތުކުރީ އާއި މިސްރުގެ ހާރު ބެރުގެ ވާހަކައާއި ޖެހިގެން ދެވަނައަށް އޮތީ ބަނގްލަދޭޝްގައި އޮންނަ އޯޕަން އެއާ މާކެޓުގެ ވާހަކަ އެވެ.

ބަނގްލަދޭޝްގެ ރޯދަ ވީއްލާ ބާޒާރު

ރޯދަ މަހުގެ ކޮންމެ ރެއަކު ވެސް އިރު އޮއްސޭން ކައިރި ވެގެން އަންނައިރު ބަންގްލަދޭޝްގެ މަގުތަކުގައި އޮންނަ މި މާކެޓަކީ އެގައުމުގެ ތަފާތު ކާނާތައް ފެންނާނެ މާކެޓެކެވެ. މާކެޓުގައި ހުންނަ ކާނާގެ ބާވަތްތައް ގިނަކަމާއެކު މުޅި ހިސާބު ގަނޑު އޮންނާނީ އެއްވަސްވެފަ އެވެ. މާކެޓުގައި ރޯދަ ވީއްލަން ބޭނުން ބަޔަކު ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮންނައިރު ބޭނުން ކާއެއްޗެއް ގަނެގެން ގެއަށް ގެންގޮސް ރޯދާ ވީއްލާ މީހުން ވެސް މަދެއް ނޫނެވެ. އެ މާކެޓުގައި ވަގުތުން ކެއްކުމުގެ ހަރަކާތްތައް ވެސް ކުރިޔަށް ގެންދެ އެވެ. ކަސްޓަމަރުން ބޭނުންވާ ޑިޝްތައް ވަގުތުން ތައްޔާރުކޮށް ދިނުންއޮވެ އެވެ. ތިން ވަނައަށް އޮތީ އީރާނުގައި އޮންނަ ބޮޑު ރޯދަ ވީއްލުމެއްގެ ވާހަކައެވެ.

އީރާނުގައި ހުންނަ އިމާމު ރަޒާގެ މަގާމުގައި ބާއްވަމުން އައި ބޮޑު ރޯދަ ވީއްލުމަކީ ތާރީޚީ ގޮތުން ބަލާއިރު ދުނިޔޭގައި ވެސް ބޭއްވުނު މިފަދަ އެންމެ ބޮޑު ރޯދަ ވީއްލުމެވެ. މިތާނގައި ގާތްގަނޑަކަށް 12،000 މީހުނަށް ރޯދަ މަހުގެ ރޯދަ ވީއްލުން، ކޮންމެ ރެއަކު ވެސް 332 އަހަރު ވަންދެން ގަވައިދުން މެދު ނުކެނޑި ކުރިޔަށްދިއަ ކަމަށްވެ އެވެ.

އީރާނުގައި އޮންނަ ބޮޑު ރޯދަ ވީއްލުން

ހަތަރު ވަނަ ނަންބަރަކަށް އޮތީ ދިވެހި ރާއްޖޭގައި ހިނގާ އާދަކާދައެއްގެ ވާހަކައެކެވެ. އެކަމަކު އެވާހަކަ ފަހަށް ބާއްވާފައި ފަސްވަނަ އައިޓަމާއި ހަވަނަ އައިޓަމްގައި އޮތް އެއްޗެއް ބަލާލާނަމެވެ.

ރޯދަ މަހާ ގުޅިގެން އެކި ގައުމުތަކުގައި ހިނގާ ސަގާފީ ކަންތައްތަކުގެ ތެރެއިން އިންޑޮނޭޝިއާގައި ހިނގާ ހަރަކާތެއް ކަމަށް އޮތީ ޖަކާޓާގެ ރައްޔިތުން ރޯދަ މަސް ފެށުމުގެ އެއްދުވަސް ކުރިން އޮންނަ ޕަޑުސަން ކިޔާ ހަރަކާތެކެވެ. ޕަޑުސަންގެ މާނަޔަކީ ހިނައި ސާފު ވެގަތުމެވެ. މިބޮޑު ހިނައިގައިގަތުމުގައި ޖާވާގެ ކުދި ބޮޑު އެންމެން ބައިވެރިވާ ކަމަށްވެ އެވެ.

ޖާވާގެ ބޮޑު ހިނައިގަތުމަށްފަހު ދެން އޮތީ ޕާކިސްތާނުގެ ފޮނިކާނާ އެއްކަމުގައިވާ ކީރުގެ ވާހަކަ އެވެ.

ކީރަކީ ދިވެހި ބަހުން ކިޔާނަމަ ބޮނޑިބަތް ކަމަށް ބެލެވިދާނެ އެވެ. އިނގިރޭސި ބަހުން އެއީ ރައިސް ޕުޑިން އެވެ. އެހެން ނަމަވެސް ޕާކިސްތާނުގެ ކީރަކީ ރޯދަ މަހަށް އެގައުމުގައި ވަރަށް ޚާއްސަ ކަމެއް ދެވޭ ފޮނި ކާނާއެކެވެ. ކީރުގެ އެތައް ރެސިޕީއެއް ހުންނަ ކަމަށްވެ އެވެ. ގާތްގަނޑަކަށް ޕާކިސްތާނުގެ ކޮންމެ ގޭ ބިސީއެއްގައި ވެސް ކީރު ކައްކައި އުޅެނީ ތަފާތު ގޮތަކަށެވެ. އެގައުމުގައި ކީރާ ނުލައި ރޯދަ ފުރިހަމަވާ ކަމުގައެއް ނުވެ އެވެ.

މޮރޮކޯއަކީ އިސްލާމީ ހަޒާރަތުގެ ވަރަށް މުހިންމު ގައުމެކެވެ. މުއްސަނދި ސަގާފަތަކާއި މުސްލިމު އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ މޮރޮކޯގައި ރޯދަ މަހަށް ޚާއްސަ ކޮށްގެން ސަދަގާތް މޭޒުތަކެއް މަގުމަތީގައި އަތުރާލެވެ އެވެ. މި މޭޒުތައް އަތުރާލަނީ ގޭގޭގެ ބޭރު މަގުމަތީގަ އާއި ފިހާރަތަކުގެ ބޭރުގަ އެވެ. އެ މޭޒުތަކުގައި ކެއިން ބުއިމުގެ ތަފާތު ބާވަތްތައް އަތުރާލާނެ އެވެ. އެތަކެތި ބޭނުން މީހަކު ގެންދަންވީ އެވެ. ވަކި ދީނަކަށް ވަކި ދަރަޖައަކަށް ބެލުމެއް ނޯވެ އެވެ.

މޮރޮކޯގެ މަހުތަކުގައި އަތުރާލެވޭ ސަދަގާތް މޭޒުތައް

މިހިސާބުން ވަކިވުމުގެ ކުރިން ކަމުގައި ބަލާފައި ލިއުމުގައި ރާއްޖެއާ ބެހޭގޮތުން އޮތް ބައި ފާހަގަކޮށްލާނަމެވެ. އޭގައި އޮތީ ރާއްޖެއަކީ އަހަރުގެ ހުރިހާ މަހެއްގައި ވެސް ރީތި ގައުމެއްކަން އެންމެނަށް ވެސް އެނގޭނެ އެވެ.

އެހެނަސް ރޯދަމަހުގައި އެރީތިކަން އިތުރަށް ފުރިހަމަ ވެ އެވެ. އެތާނގައި ރޯދަ މަސް ފާހަގަކުރުމުގައި ވަރަށް ތަފާތު ޚާއްސަ ހަރަކާތެއް އޮވެ އެވެ. އެކަމަކީ ހަމަ އެކަނި ރާއްޖެއަށް ޚާއްސަ ދީނީ ޅެން ބަހުރުވައެއް ކަމަށްވާ "ރައިވަރު" ކިއުމެވެ. ރައިވަރަކީ ވަރަށް ގަދީމީ ބާވަތެއްގެ ޅެން ބަހުރުވައެކެވެ. ރާއްޖޭގެ މުސްލިމް ގިނަ ދިވެހިންނަށް ރައިވަރަކީ ރޯދަ މަހަށް ޚާއްސަ އެއްޗެކެވެ. ވާހަކަކޮޅު ނިންމާލަމުން ބުނެފައި އޮތީ އެމީހުން އަޅުކަންކުރުމުގައި ވެސް މި ރައިވަރުތައް ކިޔުން ހިމަނާ ކަމަށެވެ. މިތަންކޮޅު ކިޔާފައި ބުނާނެ އެއްޗެއް ނޭނގުނެވެ. އެ މަސްއޫލިއްޔަތު ކިޔުންތެރިންނަށް ދޫކޮށްލީ އެވެ.