ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ މިއަދު އަވަހާރަވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހަސަން ޝުކުރީ 79، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
ހަސަން ޝުކުރީގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭގެ ތަރާވީސް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ.
ހަސަން ޝުކުރީ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 24، 1959 ގަ އެވެ. އޭނާ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީގަ އެވެ.
ހަސަން ޝުކުރީ ފުރަތަމަ އަދާކުރެއްވީ މައާރިފްގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެފަހުން މަޖީދިއްޔާ ސްކޫލްގެ ޕިޔޯނުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނުކަމާއި ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ޕިޔޯނުކަމާއި މުލިއާގޭގެ ޕިޔޯނުކަމާއި ޖަސްޓިސް މިނިސްޓްރީގެ ޕިޔޯނުކަމާއި މުލިއާގޭގެ ޕިޔޯނުކަން ކުރެއްވި އެވެ. އަދި މާޗް 21، 1981 ގައި އެ ވަޒީފާ އިން ވަކިވެވަޑައިގަތުމަށް ފަހު، އަލުން ހިދުމަތް ފެއްޓެވީ އޭޕްރީލް 5، 1981 ގައި ކޯޓު ނަންބަރު 2 ގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީގައި މަސައްކަތް ކުރެއްވުމަށް ފަހުގައި އޭޕްރީލް 13، 1982 ގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން އޭޕްރީލް 7، 1986 ގައި މުލިއާގޭ ޕިޔޯނެއްގެ ވަޒީފާ އަށް ބަދަލުވެވަޑައިގަތެވެ.
އަހަރެއްހާ ދުވަހު މުލިއާގޭ ވަޒީފާގައި އުޅުއްވުމަށް ފަހު، އޭގެ ފަހުން ރިޓަޔާ ކުރައްވަންދެން ހުންނެވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މަގާމުގަ އެވެ. އެ މިނިސްޓްރީގައި ސީނިއާ މެސެންޖަރުކަމާއި އިސް ސަރުދާރު ކަމާއި ފޯމަނެއްގެ ވަޒީފާ އަދާކުރެއްވި އެވެ.
ސާޅީ ނުވަ އަހަރާއި 10 މަހަށް ވުރެ ގިނަ މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވުމަށް ފަހު ހަސަން ޝުކުރީ ރިޓަޔާ ކުރެއްވީ ސެޕްޓެމްބަރު 29، 2009 ގަ އެވެ. ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމާ ގުޅިގެން ހަސަން ޝުކުރީގެ ހިދުމަތުގެ އަގު ވަޒަންކޮށް މެޑަލް އާއި ހަނދާނީ ލިޔުން ހަވާލު ކުރީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖުލައި 26 ގަ އެވެ.