ބޮލީވުޑްގެ ސުޕަ ސްޓާ އަމީތާބު ބައްޗަންގެ ސިއްހީ ހާލަތު ދަށްވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ހަބަރުތައް އޭނާ ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ފެތުރުނު އެ ހަބަރުތަކުގައި ބުނެފައިވަނީ މުމްބާއީގެ ކޮކިލާބެން އަމްބާނީ ހޮސްޕިޓަލުގައި އަމީތާބް އެނދުމަތިކޮށް އެންޖިއޮޕްލާސްޓީ ހަދާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ހަބަރުތައް ދޮގުކޮށް އަމީތާބު އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެ ހަބަރުތަކަކީ "ފޭކު" ހަބަރުތަކެއް ކަމަށާއި އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ.

އަމީތާބުގެ ސިއްހީ ހާލަތު ދަށްކަމަށް ބުނެ ހަބަރުތައް ފެތުރިފައި ވަނިކޮށް އޭނާ ވަނީ މުމްބާއީގައި ބޭއްވި ކްރިކެޓް މެޗެއްގެ ތެރެއިން ވެސް ފެނިފަ އެވެ.

މިހާރު އުމުރުން 81 އަހަރުގެ އަމީތާބު ދެން އެންމެ އަވަހަށް ފެންނާނީ "ކާލްކީ 2898" އިން ޕްރަބާސް އާއި ދީޕިކާ ޕަދުކޯންއާ އެކުގަ އެވެ.