އިސްލާމީ އިސޫލުތަކުގައި ފިރިހެނަކަށް ހަތަރު އަންހެނުންނާ އިނުމުގެ ހުއްދަ އޮތް ކަމުގައި ވިޔަސް މީގެ ޒަމާންތަކެއްގެ ކުރިން ރާއްޖޭގެ ގާނޫނުގައި އޮންނަނީ ފިރިހެނަކަށް ތިން އަންހެނުންނާ އިނުން ހުއްދަވާ އުސޫލެކެވެ. 400 އާދަކާދަ އޮންނަ ގޮތުގެ މައްޗަށް އެދުވަސްވަރު ރާއްޖޭގައި އުޅުއްވި ފްރާންސްވާ ޕިރާޑު ވަރަށް ތަފުސީލުކޮށް ލިއުއްވާފައިވެ އެވެ. އެ ލިއުމުގައި ވާގޮތުން އޭރު ރާއްޖޭގައި ކައިވެނިކުރުމާއި ވަރިކުރުމާ ބެހޭ ވަރަށް ގިނަ ގަވާއިދުތަކަކާއި އުސޫލުތަކެއް ހުރެ އެވެ.

ކައިވެނި ކުރުމުގައި ޕިރާޑުގެ ޒަމާނެކޭ މިހާރެކޭ މާބޮޑު ތަފާތެއް ނެތްކަމުގައި ވިޔަސް އާދަ ކާދައިގެ ގޮތުންކުރާ ގިނަ ކަންތަކެއް މިހާރު ވަނީ ތަފާތު ވެފަ އެވެ.

ކައިވެނީގެ ރަން

ރަނާ ބެހޭ ގޮތުން ޕީރާޑު ލިޔުއްވާފައިވާ ގޮތުން އެދުވަސްވަރުގެ އަންހެން ކުދިންނަށް ދޭންވާ ރަނުގެ މިންވަރު ކަނޑައެޅުމުގައި ފިރިމީހާގެ ދަރަޖަ އާއި އޭނާއށް ދެވިދާނެ މިންވަރަކަށް ބެލުމެއް ނޯވެ އެވެ. އޭގެ ބަދަލުގައި ރަން ކަނޑައެޅުމުގައި ބަލާ މިންގަނޑަކީ އަންހެން ކުއްޖާގެ މަންމައާއި މާމަގެ ދަރަޖައަށެވެ. އެ ދެމީހުންގެ ކައިވެނީގެ ރަނަށް ވުރެ ދަށް އަގަކަށް އަންހެން ކުއްޖާގެ ކައިވެނީގެ ރަން ކަނޑައެޅިގެން ނުވާނެ އެވެ. ސަބަބަކީ އެފަދަ ގޮތަކަށް އަމަލު ކޮށްފިނަމަ އަންހެން ކުއްޖާގެ އަގު ދަށްވެ، ނިކަމެތި ވެދާނެތީ އެވެ.

ޕިރާޑުގެ ލިއުއްވުމުން އެނގޭ ގޮތުގައި އިންނަން އުޅޭ އަންހެން ކުއަޖާގެ ދަރަޖައާ އެކަށީގެންވާވަރުގެ ރަނެއް ނުދެވިދާނެ ކަމަށް ބަލާފައި އިންނާން ދާ ދެމީހުން، ނުދެވައި ފަނޑިޔާރު ފޮނުވާލާ ކަމަށްވެ އެވެ. މިގޮތަށް ރަން ކިޔާއިރު އަންހެނުން އެމީހުންގެ އާއިލާގެ ދަރަޖައަށް ބަލައި ބޮޑެތި އަގުތަކަށް ރަން ކިއި ކަމުގައި ވިޔަސް ކައިވެނީގެ ފަހުން އޭގެ ތެރެއިން ބޮޑު ބައެއް ކަނޑާލަ އެވެ.

ދެމީހަކު އިނުމުގެ ކުރިން

އެޒަމާނުގައި ދެމީހަކު އިންނަން ވެއްޖެ ނަމަ އެއީ ކައިވެނި ހެޔޮވާ ދެމީހުންތޯ ފަނޑިޔާރަށް ރަނގަޅަށް ސާބިތު ކޮށްދޭން ޖެހޭނެ އެވެ. އެގޮތުން އާއިލީ ގާތްކަމުގެ އިތުރަށް އެއްކިރުވުމުގެ ގޮތުން ކައިވެނި ހެޔޮ ވޭތޯ ވެސް ބަލާނެ އެވެ. ހަމަ އެފަދައިން އެ ދެމީހުންނަކީ ކުރިން އެކަކު އަނެކަކަށް ދަރިފުޅާއޭ، ބައްޕާއޭ، ނުވަތަ މަންމާއޭ ފަދަ ބަސްތަކުން ދުވަހަކު ވެސް މުޚާތަބުކޮށްފައި ތިބި ދެ މީހުންތޯ ވެސް ބަލާނެ އެވެ. އެފަދަ ބަޔަކަށް ކައިވެނި ނުކުރެވޭނެ އެވެ. ޕިރާޑު ލިޔުއްވާފައި ވާގޮތުގައި އެޒަމާނުގައި ވެސް އަނހެން ކުދިންނަށް މީހުންނާ އިނދެވޭނީ 15 އަހަރުވުމުންނެވެ. 15 އަހަރު ވުމަށްފަހު ފުރަތަމަ އިންނަން އަހާ މީހާއަކީ މުސްކުޅިއަކަސް، ޒުވާނަކަސް، ކުޑަ ކުއްޖަކަސް، އެމީހަކާ ދެވުމުގެ އާދަ އޮވެ އެވެ.

ވަރިކުރުން

ޕިރާޑު ރާއްޖޭގައި އުޅުއްވި ޒަމާނުގައި ވެސް ރާއްޖޭގައި ވަރިކުރުމަކީ ވަރަށް އާންމުކަމެކެވެ. އެކަމަކު އޭރު ވަރިކުރަން ޖެހެނީ ދެ ހެކިންގެ ކުރިމަތީގަ އެވެ. ވަރި ކުރުމަށްފަހު އެ ދެ ހެކިން ގޮވައިގެން ފަނޑިޔާރުގެ ކުރިމައްޗަށް ގޮސް ވަރި ސާބިތު ކުރަންޖެހެ އެވެ. ފިރިއަކަށް އަނބި މީހާ އާންމު ގޮތެއްގައި ވަރި ކުރެވޭނީ އަނބި މީހާ އެކަމަށް ރުހި ވަރިވާން އެދުމުންނެވެ. އެނޫން ގޮތަކަށް ވަރިކޮށްފިނަމަ ކައިވެނީގެ ރަނާއި އެނޫން ވެސް ގިނަ ޚަރަދު ތަކެއް ފިރިމީހާ ދޭން ޖެހެ އެވެ. އެހެން ނަމަވެސް ވަރިވުމަށްފަހު އަންނަ ރުޅީގައި އަނބި މީހާ އެ ޚަރަދެއް ނުހޯދަ އެވެ. އެފަދަ ޚަރަދެއް ހޯދަން އުޅުމަކީ ވެސް ހުތުރު ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

ގިނަ މީހުންނާ އިނުން

އެ ޒަމާނުގައި ހުންނެވި ފަނޑިޔާރު ނިޔާވިއިރު 100 މީހުންނާ ކައިވެނި ކުރައްވާފައިވާ ކަމުގައި ޕިރާޑު ލިއުއްވަ އެވެ. އެހެނަސް ފިރިހެނަކަށް އެއްފަހަރާ އިނދެގެން އުޅެވޭނީ ތިން މީހުންނާ އެވެ. އެކަކު ވަރިކޮށްފައި އަނެކެކާ އިނުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. އެގޮތުން އެޒަމާނުގައި ގިނަ ފިރިހެނުންނާ އިނދެފައިވާ އަންހެނުންނަކީ ދަށް ބަޔަކަށް ނުވެ އެވެ. އޭގެ ބަދަލުގައި ބެލެވެނީ އެކަމުން އެމީހުންގެ ހައިބަތު އުފުލޭ ކަމުގަ އެވެ.

ރާއްޖޭގައި ފިރިހެނުންނަށް އެއްފަހަރާ ތިން އަނބިން ހުއްދަ ކަމުގައި އޮންނަ އުސޫލާމެދު ޕިރާޑު ދެކެލައްވަނީ އެ ގަވާއިދު ހެދިފައި ވަނީ އެކޮޅުކޮޅުން ކަމަށެވެ. އެޒަމާނުގެ ދިވެހި ވެށީގައި ކަން އޮތް ގޮތަށް ރިއާޔަތް ކޮށް ޕިރާޑަށް ފެނި ލެއްވިގޮތުގައި ރާއްޖޭގެ ފިރިހެނުންގެ ބަދަލުގައި ގިނަ މީހުންނާ އިނދެވޭ ގޮތަށް އޮންނަން ޖެހެނީ އަންހެނުންނަށެވެ.