ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބެލުމުގެ ގޮތުން މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ 14 ދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކަން ހާމަކޮށްފަ އެވެ. އެއީ އޭނާއާ ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުންނެވެ.

ދާދިފަހުން ޝަމާހުއަށް ވަނީ މައިގަނޑު 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ. އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުން ހިމެނެ އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯއަށް ކޮށްފައިވާ ތުހުމަތުތައް

  • ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުން
  • ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
  • ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި، ރަށްޓެހިންނަށް ބަޖެޓު ހަމަޖެހިފައި ނުވަނީސް ވަޒީފާދިނުންބެސްޓް ޕްރެކްޓިސް އާއި ގަވަނަންސް އުސޫލުތަކާއި ހިލާފަށް ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އާއްމުކޮށް އިއުލާން ކުރުމަކާއި ނުލާ މުވައްޒަފުން ނެގުމާއި، އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
  • ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުންއުސޫލުތަކާއި ހިލާފަށް އެކަށީގެންވާ ތައުލީމާއި، ތަޖުރިބާއެއް ނެތް ފަރާތްތައް ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން
  • ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސް އާ ހިލާފަށް ކަމާއި ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން އަދި އެފަދަ ދަތުރުތަކުގައި ބޭކާރު، ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި އަދި ހަރަދު ކުޑަކުރުމަށް އިސްކަންދިނުން
  • ކުންފުނީގެ ބިޑު ކޮމިޓީ ބަދަލުކޮށް، ބެސްޓްޕްރެކްޓިސްއާއި ހިލާފަށް ގާތްމީހުން އެކޮމިޓީއަށް ލުން
  • ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ޕްރޮސީޖާ އާ ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން އަދި ކުންފުނީގެ ވަސީލަތްތަކަށް އެކްސެސް ވެވުން.
  • ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން
  • ކުންފުނީގެ މާލީ ހާލަތު ހުރިގޮތަށް ނުބަލާ ސީއީއޯ ރާއްޖޭން ބޭރު ދަތުރުތައް ކުރުމާއި، އަދި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާއި ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރިކުރުން
  • ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރުދެއްކުމާއި، އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުން

ސަރުކާރުގެ މައި ޕާޓީ, ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިފްކޯއިން ހަދިޔާދީ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި އެ ކުންފުނީގެ އޮފިޝަލުން މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުކުރި އެވެ.