މޮސްކޯ (މާޗް 18) - އިންތިޚާބުގެ ކުރިން ވެސް ވޯޓާ މެދު އެތައް ބަޔަކު ޝައްކު އުފެއްދި އިންތިޚާބު ކާމިޔާބުކޮށް ރަޝިޔާގެ ރައީސްކަމުގެ ފަސް ވަނަ ދައުރު ލަޑިމިއާ ޕުޓިން ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ލަފާކުރުންތައް ދައްކާ ގޮތުން ޕުޓިން ވަނީ ވޯޓުގެ 88 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. އިންތިޚާބުގައި ޕުޓިން އަށް މާބޮޑު ވާދަވެރި ކަމެއް ނެތެވެ. މުޅި ރަޝިޔާގެ ސިޔާސީ ނިޒާމާއި މީޑިއާ އަދި އިންތިޚާބުތައް ވަނީ ކްރެމްލިންގެ ކޮންޓްރޯލުގަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ރަޝިޔާގެ އިންތިޚާބަށް ފާޑުކިޔަމުންނެވެ. ޖަރުމަނުން ބުނެފައި ވަނީ ރަޝިޔާގައި ބޭއްވި ދެފުށް ފެންނަ އިންތިޚާބެއް ނޫން ކަމަށެވެ. އެމެރިކާ އިން ބުނެފައި ވަނީ އެއީ އެއްގޮތަކަށް ވެސް އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށެވެ. ޔުކްރޭނުގެ ރައީސް ޒެލެންސްކީ ވިދާޅުވީ ޕުޓިން އަކީ ވެރިކަމަށްޓަކައި ބޮޑު މަސްތެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މުޅި އުމުރަށް ވެރިކަމުގައި ހުންނެވުމަށްޓަކައި ކުރެވުނުހާ ކަމެއް ޕުޓިން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

އިންތިޚާބަށް ފަހު ޕުޓިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޔުކްރޭން ހަނގުރާމަ ވަރުގަދަ ކުރައްވާނެ ކަމަށެެވެ. އަދި ރަޝިޔާގައި ބޭއްވީ އެމެރިކާ އަށް ވުރެ އިންސާފުވެރި އިންތިޚާބެއް ކަމަށެެވެ.

"އެމެރިކާގައި އޮންނަ މެއިލް-އިން- ވޯޓުން ނިޒާމުން 10 ޑޮލަރަށް ވޯޓެއް ގަނެލެވިދާނެ،" ޕުޓިން ވިދާޅުވި އެވެ.

ޔުކްރޭނުން ހިފައި ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާ ސަރަހައްދުތަކުގައި ވެސް ވަނީ އިންތިޚާބު ބާއްވައިފަ އެވެ.

މާޗް 15-17 އަށް ބޭއްވި އިންތިޚާބުގައި ޕުޓިން އަށް ކިރިޔާވެސް ވާދަކޮށްލެވޭ ވަރުގެ ކެންޑިޑޭޓެއް ނަމަ ހުރީ ޖަލުގައި ބަންދުކޮށްފަ އެވެ. ނޫނީ ގައުމުން ބޭރަށް ފޮނުވާލައިފަ އެވެ.

ރަޝިޔާގެ އިންތިޚާބުގައި ވަނީ 77.4 ޕަސެންޓް މީހުން ވޯޓުލައިފަ އެވެ.

ރަޝިޔާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިންގެ އާލާސްކަންފުޅާ އުޅުއްވާތީ ބޮޑުވަޒީރަކަށް ޕުޓިން ހަމަޖެއްސެވީ އޮގަސްޓް 1999ގަ އެވެ. ޔެލްސިން އިސްތިއުފާ ދެއްވުމާ ގުޅިގެން ރަޝިޔާގެ ވަގުތީ ރައީސްގެ މަގާމަށް ޕުޓިން ހަމަޖެއްސި އެވެ. އޭގެ ހަތަރު މަސް ފަހުން ބޭއްވި އިންތިޚާބު ކާމިޔާބުކޮށް ޕުޓިން ވަނީ ރަޝިޔާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ރަޝިޔާގެ އެންމެ ބާރުގަދަ ފަރާތަކީ ޕުޓިން އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް ދެ ވަނަ ފަހަރަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އެވެ. ރައީސްކަން ކުރެވޭނީ ޖެހިޖެހިގެން ދެ ދައުރަށް ކަމަށްވާތީ ދިމިތުރީ މެޑްވެޑޭވްގެ ރައީސްކަމުގައި 2008-2012 އަށް ބޮޑުވަޒީރުކަމުގެ މަގާވާ ޕުޓިން ހަވާލުވެވަޑައިގެންނެވި އެވެ. އޭރު ވެސް ރައީސް އަށް ވުރެ ބާރުގަދައީ ޕުޓިންނެވެ. އަނެއްކާވެސް 2012 ވަނަ އަހަރު ރައީސްކަމަށް ޕުޓިން ވަޑައިގެންނެވި އެވެ. އޭގެ ފަހުން 2018 ގައި އަލުން އިންތިޚާބުވެވަޑައިގެންނެވި އެވެ. އެޕްރީލް 2021 ގައި ރަޝިޔާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނެސް، ޕުޓިން އަށް އަދި އިތުރު ދެ ދައުރު ރައީސްކަމުގައި ހުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. އެހެންވެ ޕުޓިންގެ ރައީސްކަން 2036 އާ ހަމައަށް ދަންމާލުމުގެ ފުރުސަތު އެބައޮތެވެ.

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޕުޓިން ވަނީ ރަޝިޔާގެ ޖާސޫސީ އިދާރާގައި 16 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ.