ކ. ކާށިދޫ ކުރީގެ ދޯނި ހަރުގެ ހިމެނޭ ސަރަޙައްދުގައި ހުރި ތިން ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ރޭ ދަންވަރު 12:30 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެރަށު އުތުރު އަވަށު ހިއްކި ސަރަހައްދުގައި ހުރި ބޮޑު ދެ ދޯންޏަކާއި، ކުޑަ އެއް ދޯނީގައި ކަމަށެވެ. އޭގެ ތެރެއިން ބޮޑު ދެ ދޯންޏަކީ ބާވެ ހަލާކުވެފައިވާ ދޯނިތަކެއް ކަމަށާއި، ކުޑަ ދޯނި އޮތީ މިހާރު ވެސް ބޭނުންކުރެވޭ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާދީސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެނދި ދޯނިތަކަކީ، މަގަކަށް އަރާގޮތަށް ހުރުމުން އެސަރަހައްދުން ނެގުމަށް ރަށު ކައުންސިލުން އަންގައި މިހާތަނަށް ވެސް ނުނަގައި ހުރި ދޯނިތަކެއް ކަމަށެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އާންމު ފަރާތްތަކުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައި ވަނީ އެ ރަށުގައި ވަކިންހުރި އޮޑި ހަރުގެއެއްގައި އެހެލާފައި ހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާ ކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަކަމުގައި ކަމަށެވެ.
ނަމަވެސް އެސަރަހައްދާއި މާދުރު ނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރުކޮށް އިތުރު ސަރަހައްދުތަކަށް ފެތުރުުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މައުލޫމާތު ރޭ މެންދަމު 1:24 ހާއިރު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ފަޔަ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 ގައި 1:48 ގައި ދަތުރު ފެށި ކަމަށެވެ. އަދި ފަތިހު 4:40 ހާއިރު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
"އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 6:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި،" އެމްއެންޑީއެފް އިން ބުންޏެވެ.