މި މަހުން ފެށިގެން ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން މިރޭ ބުނެފި އެވެ.
ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހު ގެނެސް އެކަން މިއަދު އާންމުކޮށްފައި ވަނިކޮށް، ޗީފް ސްޕްރިންޑެންޓުގެ މަގާމުގައި ހުންނެވި އަހުމަދު ޝިފާން ވިދާޅުވީ މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ތަފާތު އެލަވަންސްތައް ދިން ނަމަވެސް، މި މަހުން ފެށިގެން މުސާރަ އަށް ބަދަލު ގެނައި އިރު ދޭނީ މައިގަނޑު ހަތަރު އެލަވަންސެއް ކަމަށެވެ. އެއީ މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް، އަދާކުރާ ވަޒީފާގެ އެލަވަންސް އަދި ރިސްކް އެލަވަންސެވެ. ފުލުހުންނަށް މީގެ ކުރިން އަށް ބާވަތެއްގެ އެލަވަންސް ދިނެވެ.
ފުލުހުންގެ ތަރުޖަމާންކަން ވެސް ކުރައްވާ ޝިފާން ވިދާޅުވީ މުސާރަ ސްޓްރަކްޗާ އަށް ގެނައި ބަދަލުގެ ބޭނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެ ގޮތުން ކޮންމެ ފުލުހަކަށް ވެސް ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 2009 ވަނަ އަހަރުގެ ފަހުން ފުލުހުންގެ މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ކުރުމަށެވެ.