މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު، ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ސަސްޕެންޑް ކުރި މައްސަލާގައި ޝަމާހް އާއި ޕީސީބީ އިސްވެރިން ވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

އެސްއޯއީ ކޮމެޓީއަށް މިފްކޯގެ ސީއީއޯ އާއި ޕީސީބީ ހާޒިރު ކުރަން ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޔައުގޫބު ވިދާޅުވީ މިފްކޯގެ ސީއީއޯ ޝަމާހު ސަސްޕެންޑް ކުރީ ކުންފުނީގެ ބައެއް ކަންކަން އިސްލާހުކުރަން އޭނާ މަސައްކަތް ކުރާތީ އެ ކަންކަން ވިޔަ ނުދިނުމަށް އެތެރެއިން ބަޔަކު ރާވައިގެން ކުރާ މަސައްކަތްތަކެއްގެ ދަށުން ކަމަށް އޭނާ ތުހުމަތުކޮށްފައިވާ ކަމަށެވެ. އެހެންވެ މި މައްސަލާގައި ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވެމުން އަންނާތީ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރު ޔައުގޫބް ވިދާޅުވީ ޒަމާނުއްސުރެ މިފްކޯއިން އެކްސްޕޯޓް ކުރާ މަސް ބޮޑުބައެއް ރިޖެކްޓްވާ މައްސަލަ މިމަހުގެ 31ގެ ނިޔަލަށް ހައްލުކޮށްދެއްވާނެ ކަމަށް ސީއީއޯ ޝަމާހް ކޮމެޓީގައި މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ޕީސީބީން ބަލަމުންދާ މައްސަލައާއި މިކަމާ އެއްވެސް ގުޅުމެއް އޮތްތޯ ބަލާ އެކަން ޔަގީންކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ހަގީގަތެއް އޮތްތޯ ބަލަން އަޅުގަނޑު ބޭނުންވާތީ އަޅުގަނޑު އެދެނީ މިކަންކަންމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް މިފްކޯގެ ސީއީއޯއާއި ޕީސީބީ އާއި ކަމާއި ގުޅުންހުރި ފަރާތްތައް މި ކޮމެޓީއަށް ހާޒިރުކޮށް އަޅުގަނޑުމެން އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބައްދަލުވުންތަކެއް ބާއްވަން އަޅުގަނޑު އެދޭ ވާހަކަ ދަންނަވަން،" ޔައުގޫބު ވިދާޅުވި އެވެ.

މިކަމުގައި ހަގީގަތެއް އޮތްތޯ ބަލަން އަޅުގަނޑު ބޭނުންވާތީ، އަޅުގަނޑު އެދެނީ މިކަންކަންމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް މިފްކޯގެ ސީއީއޯއާއި ޕީސީބީ އާއި ކަމާއި ގުޅުންހުރި ފަރާތްތައް މި ކޮމެޓީއަށް ހާޒިރުކޮށް އަޅުގަނޑުމެން އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބައްދަލުވުންތަކެއް ބާއްވަން އަޅުގަނޑު އެދޭ ވާހަކަ ދަންނަވަން،
މެންބަރު ޔައުގޫބް

އޭނާގެ ހުށަހެޅުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުށަހެޅުމަށް ތާއިދު ކުރައްވައި މެންބަރު ރަޝީދު ވިދާޅުވީ ރާއްޖެއިން ބޭރު ކުރާ މަސް ބޭރުކުރަނީ ރަނގަޅު ކޮލިޓީއެއްގައި ކަމަށްވާއިރު، މަސް ރިޖެކްޓްވެ މަސް ކުންފުންޏަށް ބޮޑެތި ގެއްލުން ޒަމާނުއް ސުރެ ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ޕީސީބީން މިމައްސަލާގައި އަމަލުކުރަނީ މީގެ ކުރިން ކަންކަން ނުކުރާ ބީދައިން ފާހަގަކޮށް ޕީސީބީއާއި މިފްކޯގެ ސީއީއޯ ޝަމާހް ކޮމެޓީއަށް ހާޒިރު ކުރަން ޖެހޭ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

ކޮމެޓީގެ އެހެން މެންބަރުން ވެސް ވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ތާއީދުކޮށްފަ އެވެ. އެހެން ކަމުން ކޮމެޓީގެ ނައިބު މުގައްރިރު ފުވައްމުލަކު މެދުދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ވަނީ އެންމެ އަވަހަށް ދެން އޮންނަ ޖަލްސާއެއްގައި މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދަން ނިންމަވައިފަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން ވަނީ މިފްކޯގެ ސީއީއޯ ޝަމާހް ރަޝީދު ހޯމަ ދުވަހު ދެ ހަފްތާގެ މުއްދަތަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.