ދެ ހާލަތެއްގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބޭނުންކުރެވޭ ގޮތަށް އެ ފަންޑާ ބެހޭ ބިލް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އެވެ.

އެ ފަންޑުގެ ބިލަކީ ރާއްޖޭގެ ދަރަނި ދެއްކުމަށް މިހާރު ގާއިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް ހިންގުމުގައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މިބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވަނީ، މިއީ ދައުލަތުގެ މުއްސަދިކަން އަންނަން އޮތް ޖީލްތަކަށް ވާރުތަކޮށްދިނުމަށްޓަކައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑެއް ގާއިމްކޮށް އެ ފަންޑު ހިންގުމާއި ގުޅުން ހުރި އުސޫލްތައް ގާއިމް ކުރުމާއެކު އެ ފަންޑާއި ގުޅުންހުރި ދައުލަތުގެ ފަރާތްތަކުގެ މަސްއޫލީއްޔަތުތަކާއި ވާޖިބްތައް ބަޔާން ކުރުން ކަމަށެވެ.

މި ބިލްގައި މައިގަނޑުގޮތެއްގައި ފަންޑު މެނޭޖް ކުރުމާއި ފަންޑުގައި ހުރި ފައިސާއިން އިންވެސްޓް ކުރުމާއި، ފަންޑު ބަލަހައްޓާނެ ފަރާތެއް ކަނޑައެޅުމަށް ވަނީ ހިމަނާފަ އެވެ. މިގޮތުން ފަންޑަށް ފައިސާ ޖަމާ ކުރެވޭނެ ހަތަރު ގޮތެއް ވަނީ ހިމަނާފަ އެވެ.

އެ ފަންޑަށް ފައިސާ ޖަމާކުރާނެ ހަތަރު ގޮތް:

  1. އެއާޕޯޓް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ފައިސާ.
  2. ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތައް ލިބޭ 10 ޕަސެންޓް.
  3. ސޮވެރިން ގެރެންޓީ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ.
  4. ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމުހޫރިއްޔާ ފަންޑަށް ޖަމާކުރަން ކަނޑައަޅާ އެހެނިހެން ފައިސާ

މި ފަންޑު ބޭނުން ކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ދެ ގޮތަކަށެވެ.

ފަންޑުގެ ބޭނުން ކުރުމަށް ސަރުކާރުން ހުށައަޅާ ގޮތްތައް:

  1. ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ދަރަނި ދެއްކެން ނެތް ހާލަތުގައި ދަރަނި އަދާ ކުރުމަށް
  2. ގައުމަށް ދިމާވާ ޚާއްސަ އިގްތިސާދީ ހާލަތެއްގައި އެކަމުން އަރައިގަތުމަށް ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށް

މި ފަންޑު ހިންގުމަށް ހުށަހަޅާފައިވަނީ ފަންޑަށް ވަންނަ ފައިސާ އަދި ފަންޑުން ބޭނުންވާ ފައިސާގެ ކަންކަން ބެލެހެއްޓުމަށް، ރައީސް އެކުލުވާލާ ގަވަނިން ކައުންސިލަކުންނެވެ. މިފަންޑު ގާއިމް ކުރަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގަ އެވެ. އަދި ފަންޑުން އިންވެސްޓްކުރާނީ ގަވަނިން ކައުންސިލުން އައްޔަން ކުރާ އިންވެސްޓްމެންޓް ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މީގެ އިތުރުން ފަންޑު މެނޭޖް ކުރުމަށް ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީހެއް ގާއިމް ކުރުމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް އުވާލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދައާ އެކު ރައީސްލްޖުމުހޫރިއްޔާއަށެވެ.

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު މިހާރު ހިންގަނީ މާލިއްޔަތު ގާނޫނުގެ ދަށުން ވަކި ފަންޑެއް ގޮތުގަ އެވެ. އަދި ފަންޑުގެ ހުރިހާ ބާރެއް މިހާރު މާލީއްޔަތު ގާނޫނުގެ ދަށުން ލިބިދީފައި ވަނީ ފިނޭންސް މިނިސްޓަރު އަދި ރައީސުލްޖުމުހޫރިއްޔާއަށް އެކަންޏެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހު ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 30 މިލިއަން ޑޮލަރު ވަނީ ޖަމާވެފަ އެވެ. އޭގެ ކުރިން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ ސަރުކާރުގެ ދަރަނިތައް އަދާ ކުރުމަށް އެހީވުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ގާއިމް ކުރި ފަންޑެކެވެ.