ރަމަޟާން މަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް އަންނަ އީދެކެވެ. މިމަހުގެ ސަގާފަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތުވި ނަމަވެސް އެކަންކަމުގެ ރޫހަކީ އެއް ރޫހެކެވެ. އެއްބައިވަންތަކަމާއި އެކުވެރި ކަމެވެ. ރޫހާނިއްޔަތާއި އުފާވެރިކަމެވެ. މި ބަލާލަނީ ރަމަޟާން މަހާ ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަފާތު ސަގާފަތްތަކަށެވެ.

މިސްރު

މިސްރުގެ މަގެއް ދިއްލާލެވިފައި

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ވެސް މިސްރުގެ މަގުތައް ރީތި ފާނޫޒް އަލިތަކުން ޒީނަތްތެރި ކުރެވެ އެވެ. އެ ފާނޫޒުތައް މަގުމަތީގައި އެލުވާފައި ހުންނައިރު މަންޒަރު ފެންނަނީ ވަރަށް ރީތިކޮށެވެ.

ބޮސްނިއާ

ބޮސްނިއާގައި ބަޑިޖަހަން ތައްޔާރުވަނީ

ބޮސްނިއާ ރޯދަ ވީއްލާ ވަގުތު ޖެހިއްޖެކަން އަންގައިދެނީ އެތައް ހާސް އަހަރެއް ވެފައިވާ ބަޑިއަކުން ބަޑި ޖެހުމުންނެވެ. މިއީ ޒަމާންތަކެއް ވަންދެން އެގައުމުގައި ކުރެވެމުން އައި ކަމަކަށް ވީއިރު އާއްމު ރޯދަ ވީއްލުންތަކުގައި މިގޮތަށް ބަޑިޖަހާ ހަދަ އެވެ.

އިންޑިއާ

އިންޑިއާގެ އަންހެނަކު ވިޔަފާރި ކުރަނީ

އިންޑިއާ، ޕާކިސްތާނު އަދި ބަންގްލަދޭޝް ހިމެނޭހެން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށް އީދުވިލޭރެއަކީ ވަރަށް ހާއްސަ ރެއެކެވެ. "ޗާންދު ރާތު"ގެ ނަމުން ނަން ދެވިފައިވާ އެ ރޭ އެގައުމު ތަކުގެ މަގުތަކުގައި ބާޒާރު ކުރުމާއި އަތުގައި ހީނާފަތް އެޅުން އަދި ކެއުންފަދަ ކަންކަން ކުރިއަށްދެ އެވެ.

އިރާގު

އިރާގުގައި ކުޅޭ ކުޅިވަރެއް

އިރާގުގައި ރޯދަ މަހާ ގުޅުވައިގެނު އޮންނަ އެންމެ ހާއްސަ އެއް ކަމަކީ ރޯދަ ވީއްލުމަށްފަހު އޮންނަ ފިރިހެނުންގެ ކުޅިވަރެކެވެ. މްހީބީޒް ނަމަކަށް ކިޔާ އެ ކުޅިވަރުގައި އިށީންދެ ތިބި ފިރިހެނުންތަކެއްގެ ތެރެއިން ފޮރުވާފައިވާ އަނގޮޓިއެއް ހޯދަން ޖެހެ އެވެ.

މޮރޮކޯ

މޮރޮކޯގައި ހާރުދަމަށް އާއްމުން ހޭލައްވަނީ ތާޅަފިއްޔަކުން

މޮރޮކޯގައި ރަމަޟާން މަހުގެ ފަތިސް ވާން އުޅޭކަން އަންގައިދެނީ ތަފާތު ހެދުންތަކެއްގައި ނުކުމެ އުޅޭ ބައެކެވެ. އެމީހުން ތާޅަފިލި ގޮވައި އާއްމުން ހާރުކާން ހޭލައްވަ އެވެ. މިކަމަށް ކިޔާ އުޅެނީ "ނަފަރް"ގެ ހަރަކާތްތެކެވެ.