އިންޑިއާ ސިފައިންތަކެއް ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި މަސް ދޯނިތަކަކަށް އެރީ މަސްވެރިން ސެޓަލައިޓް ފޯނު ބޭނުންކުރާތީ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަންއަކުން" ކަމަށް އެ ގައުމުން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި، އެއީ ތެދު ވާހަކައެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.

"އެހެންނަމަވެސް ބޯޑިން ޓީމްތަކުން ދިން މައުލޫމާތުގައި އެރި ސަބަބެއް ކަމަށް ބަޔާންކުރައްވާފައި ވަނީ ސެޓެލައިޓް ފޯން އެ ދޯނިތަކުގައި ބޭނުންކުރާތީ އެ ހުރިތޯ ކަށަވަރުކުރުމަށްޓަކައި... ސެޓަލައިޓް ފޯން ބޭނުންކުރާތީ އެއީ އެ މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓަލައިޓް ފޯނު ބޭނުންކުރުން... ދިވެހިރާއްޖޭގައި އެއީ ބޭނުންކުރެވޭ ފޯނެއް."

އެހެންނަމަވެސް ބޯޑިން ޓީމްތަކުން ދިން މައުލޫމާތުގައި އެރި ސަބަބެއް ކަމަށް ބަޔާންކުރައްވާފައި ވަނީ ސެޓެލައިޓް ފޯން އެ ދޯނިތަކުގައި ބޭނުންކުރާތީ އެ ހުރިތޯ ކަށަވަރުކުރުމަށްޓަކައި... ސެޓަލައިޓް ފޯން ބޭނުންކުރާތީ އެއީ އެ މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ،
މިނިސްޓަރު ޣައްސާން

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވި ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރީ މިދިޔަ ޖެނުއަރީ 31 ގަ އެވެ. އެއީ، އަސުރުމާ 3، މާހޯރަ 3، ނިރު 7 އެވެ. އޭގެ ފަހުން، ޖެހިގެން އައި ދުވަހު ވެސް އިންޑިއާ ސިފައިން މާހޯރަ ދޯންޏަށް އެރި ކަމަށް މިނިސްޓަރު މަޖިލީހުގައި ވިދާޅުވި އެވެ.

"އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

ޣައްސާން ވިދާޅުވީ އެ ދުވަހުގެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްނުދީ އެ އޮތީ މިސްކޮމިއުނިކޭޝަން އެއްގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެއް ގައުމުން އަނެއް ގައުމާ އެކު މުއާސަލަތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ހަތިޔާރާ އެކު ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރައި، އެ މީހުން ވަނީ މަސްވެރިންގެ ފޯނުތައް ވެސް ޗެކްކޮށްފަ އެވެ. އަދި، އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް ޑިލީޓްކުރުވި އެވެ. ޣައްސާން ވަނީ އިންޑިއާ ސިފައިން އެ އަމަލު ހިންގިކަން ވެސް ކަށަވަރުކޮށްދެއްވައިފަ އެވެ.