ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފަންޑު (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ޗާލްސް، ނަޝީދު އާ ބައްދަލު ކުރެއްވީ ލަންޑަނުގައި ހުންނަ ބަކިންހަމް ޕެލެސްގައި އިއްޔެ އެވެ.

އެ ބައްދަލުވުމުގެެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވި ނަމަވެސް ރަސްގެފާނު ޗާލްސް މަދުމަދުން ރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންދަވަ އެވެ.

ސީވީއެފްގައި މިހާރު 58 ގައުމު ހިމެނުނު ނަމަވެސް، އެ ޖަމިއްޔާގައި ފުރަތަމަ ތިބީ 10 ގައުމެކެވެ. ރާއްޖޭން އުފެދުނު ޖަމިއްޔާއެއް ކަމަށްވާ ސީވީއެފް އަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޖަމިއްޔާއެކެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސްއާ ނަޝީދު އިއްޔެ ބައްދަލުކުރައްވަނީ.

ސީވީއެފްގެ ބޭނުމަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.