ހޫނު މޫސުމުގައި ކަރުތެރެ ފިނިކޮށްލަން އެންމެ ބޭނުން އެކައްޗަކީ "ލޮލީ" އެކެވެ.

ލޮލީ އޭ ބުނެލާއިރަށް އެންމެ އަވަހަށް ހިތަށް އަރަނީ "ލިކް" ލޮލީ އެކެވެ. މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގަ ލޮލީގެ ވިޔަފާރި ކުރި "ލިކް"ގެ ހަބަރެއް ނުވާތާ ދުވަސް ކޮޅެއްވެއްޖެ އެވެ.

ލިކް ލޮލީ ލިބޭނެ ގޮތެއް ވެސް ނެތީ އެވެ. ނަމަވެސް ލިކް ލޮލީ ބޯން ބޭނުންވެފައިވާ އެތައް ބަޔަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ލިކްލޮލީ އަލުން ލިބެން ފަށަނީ އެވެ.

"ލިކް" ވުޖޫދަށް ނެރުނު އައިމިނަތު ނަފްޝާގެ ލޮލީގެ ވިޔަފާރި ފެށުނު ގޮތާއި ހުއްޓެން ދިމާވި ސަބަބު "ހުރިހާ"އަށް ކިޔައިދިނެވެ.

މަޝްހޫރު "ލިކް ލޮލީ" ފިހާރައެއްގައި ވިއްކަން ބަހައްޓާފައި.

"މީގެ ދިހަވަރަކަށް އަހަރު ކުރިން ލޮލީގެ މަސައްކަތް ފެށީ ވަރަށް އާދައިގެ ގޮތަކަށް. އިތުރު އެއްޗެއް ހޯދަން، ދޮރުގައި އިސްތިހާރު ޖަހާލައިގެން މި މަސައްކަތް ފުރަތަމަ ފެށީ. ލޮލީ ގަނޑުކުރަން ބޭނުން ކުރީ ވެސް ގޭގައި އިންނަ ފްރިޖް،" ނަފްޝާ ކިޔައިދިނެވެ.

ފިލްމް ހުސްކުރި ދަޅުތަކަކުން ފެށި ލޮލީގެ މަސައްކަތުގެ ޑިމާންޑް ބޮޑުވުމުން އެ މަސައްކަތް އިތުރަށް ފުޅާ ކުރިއެވެ.

" ކުޑަކުދިންގެ ދުވަސް، ޓީޗަރުންގެ ދުވަސް ފަދަ ދުވަސްތަކަށް ލޮލީގެ ޑިމާންޑް ވަރަށް ބޮޑުވޭ. އަދި އެކި އިވެންޓްތަކަށް ވެސް ލޮލީ ގެންދަން ފެށި،" ނަފްޝާގެ ލޮލީގެ ޑިމާންޑް އޮތް މިންވަރު ހިއްސާކޮށްލި އެވެ.

ނަފްޝާ ދެން ނިންމީ ރަސްމީކޮށް "ލިކް" ރަޖިސްޓްރީ ކުރާށެވެ. އަދި "ލިކް" ނަމުގައި ފިހާރައެއް ހުޅުވިވި އެވެ. އެގާރަ ފްލޭވާގެ ލޮލީ ހަދާ ވަރަށް ރަނގަޅަށް ވިއްކަމުން ދިޔަ އެވެ.

"ލިލީ މަގުގަ ފުރަތަމަ 'ލިކް' ނަމުގަ ފިހާރައެއް ހުޅުވީ. ފަހުން ލޮނުޒިޔާރަތް މަގު ގަލޮޅު ވީބީ މާޓް ކައިރިއަށް ފިހާރަ ބަދަލުކޮށް ވަރަށް ކާމިޔާބު ކަމާއެކީ ވިޔަފާރި ކުރިއަށް ދިޔަ. ކުއްލިއަކަށް ބޯކޮށް ވާރޭ ވެހި މުޅި މާލޭގައި ފެންބޮޑުވި ދުވަހަކު، ފިހާރަ ތެރެއަށް ފެންވަދެ ގެންގުޅޭ ހުރިހާ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ވިޔަވާރި ހުއްޓާލަންޖެހުނީ،" ނަފްޝާ ކިޔައިދިނެވެ.

މަޝްހޫރު "ލިކް ލޮލީ" ފިހާރައެއްގައި ވިއްކަން ބަހައްޓާފައި.

އެދުވަހު ލިބުނު ގެއްލުމަކީ ލޮލީގެގެ އަވާގަ ޖެހިފައިވާ އެތައް ބަޔަކަށް ލިބުނު ދެރައެކެވެ.

"އެދުވަހު ހުރިހާ އިކުއިޕްމަންޓެއް ހަމަ ހަލާކުވީ. ދެން އެކަމަށް ހެލްޕެއް [އެހީ] ލިބޭތޯ ވަރަށް މަސައްކަތް ކުރިން. ނަމަވެސް ދިހަ ވަރަކަން އަހަރު ވަރަށް ކާމިޔާބު ކަމާއެކު ކުރި މި މަސައްކަތް ޖެހުނީ، އިތުރު އެއްވެސް ގޮތެއް ނެތިގެން ހުއްޓާލަން. ވަރަށް ބޮޑު އިންވެސްޓްމަންޓެއް މިއީ. އެ ލިބުނު ގެއްލުމަކީ އެކަނި މި މަސައްކަތް ކުރާ މީހަކަށް ވީމަ، އަވަހަށް އަރައިގަންނަން ފަސޭހަ ކަމެއް ނޫން،" ނަފްޝާގެ އަމިއްލަ މަސައްކަތުން ބިނާކުރި ވިޔަވާރި ހުއްޓާލަން ޖެހުނުގޮތް ކިޔައި ދިނެވެ.

އެކަމަކު މިހާރުގެ ސަރުކާރުން އަމިއްލަ ކުދި ވިޔަފާރިތަކަށް ބޮޑު އަހަމިއްޔަތެއް ދޭނެ ކަމަށް ވައުދު ވެފައިވާތީ، ނަފްޝާ ހުރީ އެ ފުރުސަތައް ބަލަބަލަ އެވެ. އަދި އެފުރުސަތު ލިބިއްޖެ ނަމަ އަނެއްކާ ވެސް "ލިކް" ލޮލީގެ މަސައްކަތް ފެށުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ.