މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަމާހު އަށް ފޮނުވި ސިޓީގައިވާ ގޮތުން ސަސްޕެންޝަންގެ މުއްދަތު ވަނީ 21 ދުވަހަށް އިތުރުކޮށްފަ އެވެ. މީގެކުރިން ސަސްޕެންޝަން މުއްދަތު ހަމަވާ ގޮތަށް އޮތީ މިއަދަށެވެ.

އެކަމަކު، އޭޕްރީލް 21 ގެ ނިޔަލަށް މިހާރު ވަނީ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފަ އެވެ.

މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް އިންކުއަރީއެއް ހެދުމަށެވެ.

ޝަމާހުއަށް ވަނީ މައިގަނޑު 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ. އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުން ހިމެނެ އެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމެންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ސަރުކާރުގެ މައި ޕާޓީ, ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިފްކޯއިން ހަދިޔާދީ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި އެ ކުންފުނީގެ އޮފިޝަލުން މަޖިލީހުގެ ކޮމިޓީއަށް ވެސް ހާޒިރުކުރި އެވެ.