ވައިގެ ދަތުރުފަތުރުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުކަމެއް ކުރާނަމަ އެމައްސަލަތައް ރިޕޯޓުކުރާނެ ހާއްސަ ނިޒާމެއް ގާއިމުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ގާއިމުކޮށްފައިވާ ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފުކަމެއް، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައާއި މަތިންދާ ބޯޓު ފަހަރުގައި، ނުވަތަ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ގުޅުންހުރި އެއްވެސް ތަނެއްގައި މަސައްކަތްކުރާ މީހަކަށް އަދި ވައިގެ ދަތުރުފަތުރު ބޭނުންކުރާ ދަތުރުވެރިއަކަށް ނުވަތަ އާއްމު ރައްޔިތަކަށް، ފާހަގަވެއްޖެނަމަ އެކަމެއް ރިޕޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

މިފަދަ މައްސަލަތައް ޑާސާގެ ސަމާލުކަމަށް ގެނައުމަށްޓަކައި " ކޮންފިޑެންޝަލް ރިޕޯޓިން ސިސްޓަމް" މިހާރު ގާއިމްކޮށްފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

މި ނިޒާމް ފަރުމާ ކުރެވިފައިވަނީ ރިޕޯޓްކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި ވަނަވަރު ހާމަނުކޮށް މައްސަލަތައް ހިއްސާކުރެވޭނެ ގޮތަށެވެ.

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ވައިގެ ދަތުރުފަތުރުގެ ވަސީލަތް ބޭނުންކުރާ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ޑާސާއިން ވަނީ އެދިފަ އެވެ.