ރަންބީރު ކަޕޫރުގެ ކާމިޔާބު ފިލްމު "އެނިމަލް" ފަހަތަށް ޖައްސާލުމަށްފަހު ރިތިކް ރޯޝަންގެ އެކްޝަން ފިލްމު "ފައިޓާ" ނެޓްފްލިކްސްގައި ކުރި ހޯދައިފި އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނެޓްފްލިކްސްއިން އެނިމަލް ސްޓްރީމް ކުރި އަދަދަށްވުރެ ފައިޓާ ސްޓްރީމް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ވެސް އެ ފިލްމުން ވަނީ ނެޓްފްލިކްސްގައި ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ސްޓްރީމް ކުރި ފިލްމުގެ ލަގަބު ވެސް ހޯދާފަ އެވެ. 21 މާޗްގައި ރިލީޒްކުރި އެ ފިލްމަށް 10 ދުވަހުގެ ތެރޭގައި 12.4 މިލިއަން ސްޓްރީމްސް ލިބިފައިވެ އެވެ.

މިކަން ފާހަގަ ކުރުމުގެ ގޮތުން ރިތިކް ވަނީ އެ ހަބަރު ގެނެސްދީފައިވާ ޓްވިޓާ ލިންކެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.

ރިތިކްގެ އިތުރުން ފައިޓާގެ މުހިއްމު ރޯލުތަކުން ދެން ފެނިގެންދަނީ ބޮލީވުޑްގެ ކުޅަދާނަ ތަރިން ތަކެއް ކަމަށްވާ ދީޕިކާ ޕަދުކޯން އާއި އަނިލް ކަޕޫރެވެ.