ބޮލީވުޑްގެ މަޝްހޫރު ބައްޗަން އާއިލާއަށް ނިސްބަތްވާ ނަވްޔާ ނަންދާއަކީ މީޑިއާގައި އެ ތަރިއަކާ ބެހޭ ގޮތުން ވަރަށް ގިނައިން ވާހަކަ ދެެކެވޭ "ސްޓާ ކިޑް" އެކެވެ.

މިހާރު އުމުރުން 26 އަހަރުގެ ނަވްޔާ ވަނީ އުުމުރުން 21 އަހަރުގައި ނިއުޔޯކްގެ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލް ކޮށްފަ އެވެ. ހަމަ އެ އަހަރު އޭނާ ވަނީ އޭނާގެ ބައްޕަ ނިއްކިލް ނަންދާގެ ވިޔަފާރީގައި ހިއްސާވެފަ އެވެ.

އޭގެ އިތުރުން ވެސް ނަވްޔާ ވަނީ "އާރާ ހެލްތު"ގެ ނަމުގައި އޭނާގެ އަމިއްލަ ބްރޭންޑެއް ތައާރަފް ކޮށްފަ އެވެ. ހަމައެއާއެކު އޭނާގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕްރޮޖެކްޓްތަކެއް ވެސް އަންނަނީ ހިންގަމުންނެވެ.

ދިރިއުޅުމުގައި ހާސިލްވި ކާމިޔާބީތަކާ ބެހޭ ގޮތުން ނަވްޔާ ވަނީ ދާދި ފަހުން މީޑިއާއަށް އިންޓަވިއުއެއް ދީފަ އެވެ. އެ އިންޓަވިއުގައި އޭނާ ބުނީ އޭނާގެ ދިރިއުޅުން މިހާރު ހުރި ގޮތަށް ހުރީ އޭނާއަށް ލިބުނު ތަރުބިއްޔަތުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކު އެހާ ޅަ އުމުރުގައި ގިނަ ފުރުސަތުތަކެއް ލިބުނީ ވެސް އޭނާ ނިސްބަތްވާ އާއިލާގެ ނުފޫޒުގެ ސަބަބުން ކަމަށް ވެސް ނަވްޔާ ބުންޏެވެ.

ނަވްޔާއަކީ އަމީތާބު ބައްޗަންއާއި ޖާޔާ ބައްޗަންއަށް ކާފަ- މާމަ ކިޔާ ކުއްޖެކެވެ. އޭނާއަކީ ޝްވެތާ ބައްޗަންއާއި ވިޔަފާރިވެރިޔާ ނިކިލް ނަންދާގެ ދަރިއެކެވެ.