ފަށްޓަރު އެޅުމަކީ އިހުގެ ދިވެހީންގެ އާދައެކެވެ. އަންހެނަކަސް ފިރިހެނަކަސް އެކަމުގައި ތަފާތެއް ނެތެވެ. އުނު އަނދެ އުޅުނު ފޭއްޔާއި މުންޑު ހިފެހެއްޓުމަށް ކުރީ ޒަމާނުގައި ދިވެހި ފިރިހެނުންނާއި އަންހެނުން ވެސް ބޭނުންކޮށް އުޅުނީ ފަށްޓަރެވެ. ފަށްޓަރު ހަދައިފައި ހުންނަނީ ރިހިންނެވެ. ރިހި ފަށްޓަރެއް ނުލިބޭ މީހުން އެ ބޭނުމުގައި ފޮތިކޮޅެއް އުނުގައި އައްސާފައި އޮތަސް އާންމުކޮށް ކުރީ ޒަމާނުގައި ކޮންމެ މީހެއްގެ އުނުގައި ވެސް ރިހި ފަށްޓަރެއް އޮވެ އެވެ.

ހަސަން ތާޖުއްދީނުގެ ތާރީޚު، ތާރީޚު ދީބާ މަހަލްގެ ތަރުޖަމާގައިވާ ގޮތުން ދިވެހިންގެ އުނަގަނޑުގައި އޮންނަ ރިހި ފަށްޓަރު ބޭލުވީ އަރަބި ކަރައިން ރާއްޖެ ވަޑައިގެންނެވި ސައްޔިދު ބޭކަލެކެވެ.

އެއީ ސިރީ ކުލަރަންމީބަ އިސްކަންދަރު ކައްތިރިބަވަނަ މަހާރަދުންގެ ނަންފުޅުގައި ރަސްކަން ކުރެއްވި އައްސުލްތާނު އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގެ ދުވަސްވަރެވެ. އިބްރާހިމް އިސްކަންދަރަކީ ދިވެހި ތާރީޚުގައި މަޝްހޫރު ކަޅު ތުއްކަލާ ނުވަތަ އައްސުލްތާނު މުހައްމަދު އިމާދުއްދީންގެ ދަރިކަލުންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަން ފެށިގެން އައިއިރު އުތުރު ކަރައިން ރާއްޖެއާ ތޮޅި، ރާއްޖެ ހިފަން މަސައްކަތް ކުރުން އޮތީ އާންމު ކަމަކަށް ވެފަ އެވެ. އެހެން އަންނަ ލަޝްކަރުތައް ޚުދު، ރަސްގެފާނުގެ ކޮމާންޑަރު ކަމުގައި ނިކުމެވަޑައިގެން ބަލި ކުރައްވައި އެންމެ ފަހުން އަލީ ރާޖާގެ ބެލުމުގެ ދަށުގައި ހުރި ލަކްޝަދީބުގެ ރަށްރަށަށް ހަމަލަދެއްވައި އެރަށްތަކުގައި ތިބި އަލީ ރާޖާގެ ސިފައިން ފައްސާލެއްވި އެވެ. އޭރު އަލީ ރާޖާގެ ދަށުގައި އޮތް މަލިކަށް ލަޝްކަރު ފޮނުއްވައި އެރަށުގެ ވެރިމީހާ ހައްޔަރު ކުރައްވައިގެން މާލެ ގެންދެވި އެވެ. އަދި ހަމަ އެފަދައިން މަލިކުގެ ވާރެއްގެ ގޮތުގައި އަހަރަކު 12 ލާރި ދިވެހި ދައުލަތަށް ދައްކަން ޖެހޭގޮތަށް ހައްދަވައި، ހުރިހާ ސިފައެއްގައި އަލީރާޖާގެ ލަޝްކަރުގެ މައްޗަށް ފަތަހަ ހޯއްދެވި އެވެ. އެއާއެކު ރާއްޖެއިން ކަންނަންނޫރަށް ކޮންމެ އަހަރަކު ފޮނުވަމުން ގެންދިޔަ ވެދުން ފޮނުވުން ހުއްޓަވައިލެއްވި އެވެ.

ހަސަން ތާޖުއްދީނު ލިއުއްވާފައިވާ ގޮތުގައި އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ފަހުކޮޅުގައި ރާއްޖެއަށް އަރަބި ކަރައިން ސައްޔިދު ބޭކަލަކު ވަޑައިގެންނެވި އެވެ. އެބޭކަލެއްގެ ނަންފުޅަކީ ސައްޔިދު މުހަންމަދު ޝަމްސުއްސުއްދީނެވެ. އެއީ ކީރިތި ރަސޫލާގެ ކާފަބޭފުޅުން ކަމަށްވާ ހަސަނުގެފާނާއި ހުސޭނުގެފާނުގެ ދަރިކޮޅުން ވަޑައިގެން ހުންނވި ބޭކަލަކު ކަމަށް ވެސް ލިއުއްވާފައިވެ އެވެ.

ތާޖުއްދީނުގެ ތާރީޚުގައިވާ ގޮތުން ސައްޔިދު މުހައްމަދު ޝަމްސުއްދީނަކީ މިސްރުގެ މަޝްހޫރު ޖާމިއުލް އަޒުހަރުން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭކަލެކެވެ. އަޒުހަރުން ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ސައްޔިދު ކަލޭގެފާނު އެ ކަލޭގެފާނުގެ ކޮއްކޮއެއް ކަމަށްވާ ސައްޔިދު ޠާހާ އާއި އެނޫން ވެސް އިލްމުވެރިންގެ ގާފިލާއަކާއެކު މައްކާއަށް ޒިޔާރަތްކުރައްވައި، ހައްޖުގެ ފަރުޟު އަދާކުރެއްވި އެވެ. އެއަށްފަހު އިންޑިއާގެ މަންގަލޫރުގެ ސޫފު ކާކާއޭ ކިޔުނު ސައުދާގަރެއްގެ ނަވުގައި މަންގަލޫރަށް ވަޑައިގެންނެވި އެވެ.

ހަސަން ތާޖުއްދީނު ލިއުއްވާފައިވާ ގޮތުގައި ސައްޔިދު ބޭކަލުން އިންޑިއާގެ މަންގަލޫރުގެ މުސްލިމުންގެ މެދުގައި ފެތުރިފައި ހުރި ބިދުއަތައް ހުއްޓުވައި، އެތާގެ ގިނަ މުސްލިމުން ގާދިރީ ތަރީގާއަށް އެނބުރުއްވެވި އެވެ. އެގޮތުގައި އިންޑިއާގެ އެތަންމިތަނަށް ދަތުރު ކުރެއްވުމަށް ފަހު އެ ދެބޭކަލުން ވަޑައިގެންނެވީ އިންޑޮނޭޝިއާގެ އަސޭ އަށެވެ. އަސޭގައި އެބޭކަލުން ތަންތަނަށް ދަތުރު ކުރައްވަނީ ތަޚުތެއްގެ މަތީގައި މީސްމީހުންގެ ކޮނޑު މަތީގަ އެވެ. އެވަޑައިގަންނަވާއިރު އެބޭކަލުންގެ އިސްތަށިފުޅުމަތީގައި ނޫ ކުލައިގެ ބޮޑު ސަތަރިއެއް ނަގާފައި ހުރެ އެވެ. ކުރިފުޅުމަތީގައި ބޮޑު ނޫކުލައިގެ ދިދައެއް ނަގާފައި ހުރެ އެވެ. އެ ދިދައިގެ މެދުގައި އަބްދުލް ގާދިރުގެފާނުގެ ނަންފުޅު ލިޔެފައި އޮވެ އެވެ.

އަބްދުލްގާދިރު ޖީލާނީ އަކީ އީރާނުގެ ޖިލާނަށް އުފަން މުސްލިމް އިލްމުވެރިއެކެވެ. އެކަލޭގެފާނު އިލްމު އުނގެނިވަޑައިގެންނެވީ އިރާގުގެ ބަޣުދާދުގަ އެވެ. ޝާފީ މަޒުހަބާއި ހަންބަލީ މަޒުހަބާއި ދެމަޒުހަބުގެ މައްޗަށް އެކަލޭގެފާނު ފަތުވާ ނެރުއްވަ އެވެ. އެކަލޭގެފާނު ފާހަގަކުރެވިފައިވަނީ އިލްމަށް އަރާހުންނެވި ބޭކަލެއްގެ ގޮތުގަ އެވެ. ހަމަ އެފަދައިން ސޫފިޒަމަށް އެކަލޭގެފާނުގެ ހިއްސާ ބޮޑެވެ. އެހެންކަމުން ސޫފީންގެ އުސޫލުތަކަށް ތަބާވާ މީހުން އަބްދުލް ގާދިރު ޖިލާނީގެ ތަރީކާއަށް ޚާއްސަ ގަދަރެއް ދީގެން އުޅުނެވެ.

ސައްޔިދު މުހައްމަދު ޝަމްސުއްދީނު އަސޭގައި އުޅުއްވަނިކޮށް އެކަލޭގެފާނަށް ދިވެހި ރާއްޖެއާ ބެހޭ ޚަބަރު ލިބިވަޑައިގެންނެވި އެވެ. ރާއްޖޭގައި ބިދުއަވެރިކަން ހައްދުފަހަނަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނުގެ ގާފިލާއާއެކު ނަވެއްގައި ރާއްޖެ ވަޑައިގެންނެވި އެވެ.

ރާއްޖެއިން ސައްޔިދު ކަލޭގެފާނަށް ވަރަށް ހޫނު މަރުހަބާއެއް ލިބިވަޑައިގެންނެވި އެވެ. މާލެއިން ސައްޔިދު ކަލޭގެފާނު ހުންނެވުމަށް ޚާއްސަ ގެކޮޅެއް ރަސްގެފާނު ހަމަޖައްސަވައިދެއްވި އެވެ. ސައްޔިދު ކަލޭގެފާނަށް ވަރަށް މާތްކޮށް ހިއްތަވައި، އެތަކެއް އިނާމެއް ދެއްވުމަށްފަހު، އޭނާގެ ފުށުން އިލްމު އުނގެނުމަށް މީސްތަކުންނަށް އަމުރު ކުރެއްވި އެވެ. ތާރީޚުގައިވާ ގޮތުން ސައްޔިދު ކަލޭގެފާނު މާލޭގައި މީސްތަކުންނަށް އިލްމު އުންގަންނަވައި ދެއްވައި، ބިދުއަ މުގުރުއްވައި ސުންނަތް ދިރުއްވައި ހެއްދެވި އެވެ.

ސައްޔިދު ކަލޭގެފާނު މާލޭގައި އިލްމު ފަތުރުއްވަން ހުންނެވި ދުވަސްވަރު އަންހެނުން މޫނު ނިވައިކޮށްގެން ނޫނީ ބޭރަށް ނުކުތުން މަނާ ކުރެއްވި އެވެ. ފިރިހެނުން ތުނބުޅި ދިގުކުރުމަށް އަމުރުކުރެއްވި އެވެ. އޭގެ ކުރީން ރާއްޖޭގެ ގިނަ ފިރިހެނުން ތުނބުޅި ދިގުކުރާ ކަމުގައެއް ނުވެ އެވެ. ސައްޔިދު ކަލޭގެފާނަށް އެންމެ އުނދަގޫ ކަމަކަށްވީ އޭރު ދިވެހި ފިރިހެނުންގެ އުނުގައިހުރި ފަށްޓަރު ބޭލުމެވެ. އެކަމަށް އަމުރުކުރެއްވުމާ އެކު އެއްބަސްނުވި ބައެއްގެ އުނަގަނޑުން ގަދަކަމުން ފަށްޓަރު ބޭލުއްވި އެވެ.

ތާރީޚުގައި ވާގޮތުން ރާއްޖޭގައި ކުރިން ތިއްބެވި ދަންނަ ބޭކަލުންނަށް ފަށްޓަރާ ބެހޭ ހުކުމް އޮތީ ރަނގަޅަށް އޮޅުން ނުފިލަ އެވެ. އެހުކުމް އޮޅުންފިލި މަދު ދަންނަ ބޭކަލުން ތިއްބެވި ކަމަށް ވިޔަސް އެބޭކަލުން އެވާހަކަ ދެއްކެވީ ސިއްރިޔާތުގަ އެވެ. އެފަދަ ހާލަތެއްގައި އޮތް ފަށްޓަރުގެ މައްސަލަ ތިލަކުރައްވައި، ފާޅުގައި ފަށްޓަރު ހަރާންކުރައްވައި، ދިވެހި ފިރިހެނުންގެ އުންގަނޑުން ފަށްޓަރު ބޭލުއްވީ އަރަބި ކަރައިން ވަޑައިގެންނެވި ސައްޔިދު މުހަންމަދު ޝަމްސުއްދީނެވެ.