ޔަހޫދީންނާއި ނަސާރާއިންގެ މެޖޯރިޓީ އޮންނަ ހުޅަނގުގެ ގައުމުތަކުގެ މުސްލިމުންނަށް ރަމަޟާން މަހުގެ ތަޖުރިބާއަކީ މުޅިން ތަފާތު ތަޖުރިބާ އެކެވެ. ވީއިރު އިސްލާމް ދީނަށް އަލަށް ވަންނަ މުސްލިމުންނަށް މި މަހުގެ ތަޖުރިބާ ވަކިން އުނދަގޫވާނެ އެވެ.
އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު އިސްލާމް ދީނަށް އަލަށް ވަދެ އެވެ. އެ ދީނުގެ ހިދާޔަތު ލިބި ރަމަޟާން މަހުގެ ރޯދަ ހިފަން ފަށަ އެވެ. އެގޮތުން މިއަހަރު އަލަށް ރޯދަ ހިފި އެއް އުޚްތަކީ އުމުރުން 27 އަހަރުގެ ކްލޯއީ ސްޕާކްސް އެވެ.
އިނގިރޭސި ވިލާތުގެ ލީޑްސްގައި ދިރިއުޅެމުން އަންނަ ކްލޯއީ އިސްލާމް ދީން ގަބޫލުކުރީ މިދިޔަ އަހަރު ތެރޭގަ އެވެ. އޭގެ ކުރިން އޭނާއަކީ ނަސާރާ އެެކެވެ.
ކްލޯއީ ބުނީ އޭނާގެ މުސްލިމް ރަހުމަތްތެރިން ރަމަޟާން މަހު އާއިލާއާއެކު ވަގުތު ހޭދަކުރާ ކަން އެނގުމުން އެކަނިވެރި ކަމުގެ އިހުސާސެއް ކުރެވުނު ކަމަށެވެ.
އެހެން ނަމަވެސް އަލަށް އިސްލާމްވާ މީހުންނަށްޓަކައި އެ ސަރަހައްދުގައި ހިންގާ ޖަމިއްޔާއެއްގެ ދީލަތި އެހީ ރަމަޟާން މަހު އޭނާއަށް ވަރަށް ބޮޑަށް ލިބުނު ކަމަށް ކްލޯއީ ބުންޏެވެ.
އެގޮތުން އެ ޖަމިއްޔާގެ މެމްބަރުން އެމީހުންގެ އާއިލާ މެމްބަރެއްގެ ގޮތުގައި އެމީހުންގެ ގޭގެއަށް ގެންގޮސް ރޯދަ ވީއްލުމުގައި ބައިވެރި ކުރިކަން ކްލޯއީ އުފަލާއެކު ފާހަގަކުރި އެވެ.
"ދުވަހަކު ވެސް އިހުސާސްނުވާ ވަރަށް އެމީހުންގެ ފަރާތުން އާއިލީވަންތަކަން އިހުސާސްވި." ކްލޯއީ ބުންޏެވެ.
އަލަށް ރޯދަ ހިފުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ކްލޯއީ ބުނީ އޭނާ ފުރަތަމަ ވިސްނީ ވެވުނު ވަރަކުން ރޯދަ ހިފަން ކަމަށާއި ނުހުރެވިއްޖެނަމަ ފެން ފޮދެއް ބޯން ކަމަށެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ ހުރިހާ ރޯދައެއް އޭނާ ހިފި ކަމަށް ކްލޯއީ ބުންޏެވެ.
ކްލޯއީ ބުނީ އިނގިރޭސި ވިލާތުގައި އިސްލާމް ދީން އަލަށް ގަބޫލުކުރާ މީހުންނަށް ގިނަ ގޮންޖެހުންތަކެއް ހުންނަ ކަމަށާއި ނަމަވެސް އެފަދަ މީހުންނަށް އެހީވާ ޖަމިއްޔާތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭ ކަމަށެވެ.