ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލި ނެގުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބިން ހިއްކުމާއި ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.

ވެލި ނެގުން މަނާކޮށްފައި އޮތީ ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށާ ދޭތެރޭ 100 މީޓަރުގެ ފަޅުގެ ތެރެއަށްވާ ސަރަހައްދާއި އެއްވެސް ފަރެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު އެތެރެވަރިންނާއި ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދުންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކާ 200 މީޓަރަށް ވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުމަކީ މަނާކަމެކެވެ.

ނަމަވެސް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އެފަދަ މަސައްކަތެއް ކުރަންވާނީ މަޝްރޫއު ރާވާ ހިންގާ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށް ފަހު ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެވެ. އެއީ ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހެދުމާއި އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮތުމާއި ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭނެ އެވެ.