މައްކާގައި މައި އޮފީސް ހުންނަ މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެމްބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފި އެވެ.

މުސްލިމް ވޯލްޑް ލީގު ނުވަތަ ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ އެންމެ މަތީ ކައުންސިލަށް ޝަހީމް އައްޔަން ކުރައްވާފައި ވަނީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމުލްއީސާ އެވެ. ރާބިތާގެ އެންމެ މަތީ މަޖްލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ އެ ޖަމާއަތުގެ އެންމެ މަތީ މަޖިލީހެވެ. ރާބިތާގެ ގޮތްޕެއް މާލޭގައި ވެސް ހިންގަ އެވެ.

ސައުދީ އަރަބިއާގެ ވެރިރަށް، ރިޔާޒުގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރާބިތާގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވަމަށް ޑރ. ޝަހީމަށް ދައުވަތު ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ސައުދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ހިންގާ ރާބިތާ ވުޖޫދުވެފައި ވަނީ 1962 ވަނަ އަހަރު އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ރަނިން މޭޓެއްގެ ގޮތުގައި އިންތިޚާބަށް ނުކުންނެވި ޝަހީމް ވަނީ އެ ފަހަރުގެ ނާކާމިޔާބީ އަށް ފަހު ސައުދީގެ ޖިއްދާ އަށް ވަޑައިގެން، އޯއައިސީގެ އިސް މަގާމެއް ވެސް ފުރުއްވައިފަ އެވެ. އެ މަގާމުގެ މުއްދަތު ހަމަވުމުން އަލުން ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި އަނެއްކާވެސް އުޅުއްވަން ފެއްޓެވި އެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވައި، ކެމްޕޭނުގައި ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން ޑރ. ޝަހީމް އެންމެ ބޭނުންފުޅުވާ އެއް ވުޒާރާ ކަމަށްވާ އިސްލާމިމް އެފެއާޒުގެ ވަޒީރުކަން ދެއްވި އެވެ. ޝަހީމް މީގެ ކުރިން ވެސް ވަނީ އިސްލާމިކް މިނިސްޓަރުކަމާ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަން ކުރައްވައިފަ އެވެ.