ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓައި އަމިއްލަގޮތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހައެއް ހުޅުވަން ސަރުކާރުގެ އިސްވެރިންތަކެއް ވަޑައިގަތުމުން ތިމަރަފުށީގައި ޕީއެންސީގެ ސަޕޯޓަރުން މުޒާހަރާކޮށްފި އެވެ.

ތިމަރަފުށީ ދާއިރާގެ ޕީއެންސީ ޓިކެޓް ލިބުނީ ޕީޕީއެމްގެ ސެނެޓް މެމްބަރު އިބްރާހީމް ސަނާހުއަށެވެ. އޭނާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށްޓަކައި އެތަކެއް ގުރުބާނީއެއްވި މީހެކެވެ. ނަމަވެސް ސަރުކާރުން ތާއީދު ކުރަނީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށެވެ. އަހްމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ބޭބެ އެވެ. މިދިޔަ ސަރުކާރުގައި އޭނާ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވަނީ ތިމަރަފުއްޓަށް ވަޑައިގެން އަހްމަދު ރިޔާޒްގެ ކެމްޕޭން ޖަހަގަ ހުޅުއްވައިދެއްވާފަ އެވެ.

ޖަގަހަ ހުޅުވި ވަގުތު ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް އެއްވެ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. މުޒާހަރާގެ ބައިވެރިންނާއެކު ހުރެ ސަނާހު ވެސް ވަނީ ސަރުކާރުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ސަނަހު ވިދާޅުވީ ޕީއެންސީގެ ސަޕޯޓަރުން ހިތްހަމަނުޖެހުނީ ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓައި އަހްމަދު ރިޔާޒްގެ ކެމްޕޭން ޖަގަހަ ޕީއެންސީގެ ނަމުގައި ހުޅުވާތީ ކަމަށެވެ.