އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު އެޅުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. ބަނޑިދޫ، ދ. މީދޫ، ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫގަ އެވެ.

މީގެތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި އެގާރަ ރަށުގައި އައިސް ޕްލާންޓް އެޅުމަށް ހަވާލުކުރުމަށް ނިންމާފައިވަނީ މިފްކޯއާ ކަމަށެވެ. މީގެއިތުރުން ‎ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ‎ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާ ހަވާލުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.‎