އިނގިރޭސި ޝާހީ އާއިލާއިން ވަކިވެ އެމެރިކާއަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ޕްރިންސް ހެރީއާއި މޭގަން މާކަލް މިހާރު ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތަކީ އިޖުތިމާއީ މަސައްކަތްތަކާއި ވިޔަފާރި އެވެ.
އެގޮތުން އެންމެ ފަހުން އެ ދެމަފިރިން ނެޓްފްލިކްސްގެ ދެ ޝޯއެއް އުފައްދަން ނިންމާފައިވާ ކަމަށް ނެޓްފްލިކްސްއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.
މި ދެ ޝޯއަކީ ނެޓްފްލިކްސްއާއި އާޗްވެލް ޕްރޮޑަކްޝަންސްގެ މެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އުފައްދާ ޝޯތަކެކެވެ. އާޗްވެލް ޕްރޮޑަކްޝަންސްއަކީ ޕްރިންސް ހެރީއާއި މޭގަން އެމެރިކާއަށް ބަދަލުވުމަށްފަހު އުފެއްދި ކުންފުންޏެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ދެ ޝޯގެ ތެރެއިން އެއް ޝޯއަކީ އެމެރިކާގެ ޕޯލޯ ޗެމްޕިއަންޝިޕްއާ ބެހޭ ޝޯ އެކެވެ. އަނެއް ޝޯއަކީ ކެއްކުމަށް ހާއްސަ ޝޯ އެކެވެ.
މި ޝޯތަކުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތް ފަށާފައިވާއިރު ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ޝޯތައް ރިލީޒްކުރާ ތާރީހު އިއުލާން ކުރާނެ ކަމަށް ވެސް ނެޓްފްލިކްސްއިން ބުންޏެވެ.
ޕްރިންސް ހެރީއާއި މޭގަން ވަނީ އެ ދެމަފިރިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް "ހެރީ އެންޑް މޭގަން"ގެ ނަމުގައި 2022 ވަނަ އަހަރު ނެޓްފްލިކްސް ޑޮކިއުމެންޓްރީއެއް ވެސް ނެރެފަ އެވެ.