އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސް (ބީއޭ)ގެ އަންހެން ކެބިން ކްރޫއެއް ރާއްޖޭގެ ރިސޯޓެއްގައި ރާބޮއެގެން މާރާމާރީ ހިންގުމުން އަނބުރާ ރަށަށް ފޮނުވާލައިފި އެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައި ބުނެފައި ވަނީ މާލެ އަތޮޅުގައި އޮންނަ އޮބްލޫ އެކްސްޕީރިއަންސް އައިލާފުށި ރިސޯޓަށް މި ކެބިން ކްރޫ ދިޔައީ ބްރިޓިޝް އެއާވޭޒްގެ ސްޓާފުންނާ އެކު އެވެ. އެ ދަތުރުގަ އޭނާގެ އަންހެންދަރިފުޅު އަދި ރައްޓެއްސެއް ވެސް ގެނަ އެވެ. ރެއަކާއި ދުވާލަށް ދެހާސް ޕައުންޑް (38,768.84 ދިވެހި ރުފިޔާ) ހޭދަވާ މި އަގު ބޮޑު ރިސޯޓަށް "އޯލް އިންކްލޫސިވް" ޕެކޭޖްގައި މި ތިން މީހުން ގޮސް ތިބީ، އެ އަންހެން މީހާ އަށް ލިބޭ ސްޓާފް ޑިސްކައުންޓް ބޭނުންކޮށްގެންނެވެ.

މި ތިން މީހުން ރޭގަނޑު ބެލްކަނީގައި ތިބެ ރާބޮއެ އަމަލުވެގެން އަޑުގަދަކޮށް މާރީމާރީ ހިންގާ އަޑުއިވި، އުނދަގޫވެގެން ރިސޯޓުގެ މެނޭޖްމަންޓަށް އެންގީ ޖެހިގެން ހުރި ރޫމްތަކުގެ މީހުން ކަމަށްވެ އެވެ. އަދި ރިސޯޓް މެނޭޖްމަންޓަށް ވެސް އެކަން ހައްލުނުވުމުން ބްރިޓިޝް އެއާވޭސްއަށް ގުޅައި، އެ ކުންފުނީގެ ހުރިހާ ސްޓާފުން އެ ރިސޯޓުން ބޭރުކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ނަމަވެސް ބްރިޓިޝް އެއާ ވޭސްގެ އެދުމާއެކު އަނބުރާ ރަށަށް ފޮނުވާލީ މާރާމާރީ ހިންގި ތިން މީހުންނެވެ. މި އަހަރުގެ ކުރީކޮޅު ވެސް އެ އެއާ ލައިންގެ ކެބިންކްރޫތަކެއް ޗައިނާ ދަރިކޮޅުގެ ފަސިންޖަރަކަށް މަލާމާތްކުރާ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުކޮށް، އެކުންފުނީގެ ނަން ހަޑިކޮށްފައިވެ އެވެ. އެ ވީޑިއޯކުރި ދެ މީހުން މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.