އީރާނުގެ ބެލެސްޓިކް މިސައިލްތަކެއް އިޒްރޭލުގެ ދިފާއަށް ހަދާފައިވާ އަޔަން ޑޯމް ޑިފެންސް ސިސްޓަމް ފޫއަޅުވާލައި މައި ވައިގެ މަރުކަޒަށް ގެއްލުންދީފި އެވެ.
އިޒްރޭލު ސަރުކާރުގެ ނެގެވްގައި ހުންނަ މައި ވައިގެ މަރުކަޒަށް އީރާނުގެ މިސައިލް ހަމަލާތަކެއް އަރާ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ހަމަލާގައި ވައިގެ މަރުކަޒަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ތަބްރީޒް ސަރަހައްދުން އެކަނި ވެސް 20 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް އިޒްރޭލަށް ފޮނުވާލާފައިވެ އެވެ. މި ހަމަލާތައް ދެނީ އިޒްރޭލްގެ ދިފާއީ މަރުކަޒުތަކަށް ކަމަށް އީރާނުން ބުނެ އެވެ.
އީރާނުން ބުނީ އިޒްރޭލުގެ ނެގެވްގައި ހުންނަ ރެމޮން ވައިގެ މަރުކަޒަކީ ދިމިޝްގުގައި ހުންނަ ކޮންސިއުލޭޓަށް ހަމަލާދޭން ބޭނުންކުރި މަރުކަޒު ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ހަމަލާދިނީ އެތަނަށް އެ ގައުމުން ބުންޏެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އިރްނާއިން ބުނީ ތެހެރާނުން އިޒްރޭލުގެ އެތެރޭގެ އެކި އަމާޒުތަކަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
އީރާނުން ހަމަލާދޭން ފެށުމުން އާއްމުންނަށް ނުރައްކަލުގެ ރަނގަބީލު އަޅަން ވަނީ ފަށައިފަ އެވެ.
އިޒްރޭލްގެ ޑިފެންސް ފޯސް އިން ބުނީ މި ނުރައްކަލުގެ ރަނގަބީލު މުޅި އިޒްރޭލްގައި އަޅާފައިވާ ކަމަށެވެ.
އީރާނުން ވަނީ އިޒްރޭލަށް 100 އަށް ވުރެ ޑްރޯން ވެސް ފޮނުވާލައިފަ އެވެ. އީރާނުން ފޮނުވާލި ބައެއް ޑްރޯންތައް އެމެރިކާގެ ވައިގެ ދިފާއީ ސިފައިން ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.