ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރީގައި މަރާލި ކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓް މޯޓަމް ހަދަނީ އިންޑިއާގެ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ އިތުރުން އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަޅިން ވަނީ ހަމަލާދީފަ އެވެ. އޭނާ އަށް ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މި މާރާމާރީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވި އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވި އެވެ.

"އެކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށްވަނީ ތޫޫނު އެއްޗަކުން ހަމަލާ ދީފަ،" ޝަރީފް ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމެއް މިއަދު ވަނީ އެރަށަށް ގޮސްފަ އެވެ.