ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އޯލް އިންޑިއާ ސައިން ވޯކާސް އެސޯސިއޭޝަން އިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ގޮވާލައިފި އެވެ.

ބޮލީވުޑްގެ ފަންނާނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެ ޖަމިއްޔާއިން އެކަމަށް ގޮވާލީ އާދީއްތަ ދުވަހުގެ ފަތިހު ކާކުކަން ނޭނގޭ ދެ މީހަކު ސައިކަލެއްގައި އައިސް މުމްބާއީގައި ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް ކައިރީގައި ބަޑީގެ ހަމަލާތަކެއް ދިނުމުންނެވެ.

އެ ހާދިސާ ހިނގުމާއެކު ފުލުހުން އެ ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށާފައިވާއިރު މަހާރަސްތްރާގެ ޗީފް މިނިސްޓަރު ވަނީ ސަލްމާންއާ ފޯނުން ގުޅައި ހާލު ބަލާފަ އެވެ.

މިހާތަނަށް ތަހުގީގަށް ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި އެއީ މުމްބާއީގެ ގޭންގްސްޓާއެއް ކަމަށްވާ ލޮރެންސް ބިޝްނޯއީގެ ގޭންގުން ދިން ހަމަލާ އެކެވެ.

އެ ގޭންގުން ވަނީ މީގެ ކުރިން ވެސް ސަލްމާންއަށް މަރުގެ އިންޒާރުދީ އެކި ފަހަރުމަތިން ހަމަލާވެސް ދީފަ އެވެ. އެހެން ކަމުން ފުލުހުން ވަނީ ސަލްމާންއަށް ޒެޑް ލެވެލްގެ ސެކިއުރިޓީ ދީފަ އެވެ.

އެ ގޭންގުން ސަލްމާންއަށް މަރުގެ އިންޒާރު ދިނީ އޭނާގެ ފިލްމު "ހަމް ސާތު ސާތުހޭ"ގެ ޝޫޓިންގެ ތެރެއިން އެ ގޭންގު ނިސްބަތްވާ މުޖުތަމައުގައި ގަދަރު ދެވިފައިވާ ޖަނަވާރެއް މަރާލުމުންނެވެ.

ސަލްމާންއަށް ދެވުނު ހަމަލާއާއެކު ބޮލީވުޑްގެ ތަރިންނާއި ޕްރޮޑިއުސަރުން ވެސް އަންނަނީ އޭނާގެ ސެކިއުރިޓީއާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.