މިސަރުކާރުން މަސް ފެކްޓަރީ އެޅުމަށް ހަވާލުކުރި ދ. މާދެލި އޮތީ މިދިޔަ ސަރުކާރުން ރިސޯޓެއް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފަ އެވެ.

މާދެލީގައި ރިސޯޓެއް ތަރައްގީ ކުރަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި ފަސް ވަނަ

އެއީ ސެއިންޓް ރެޖިސްގެ ވޮއްމުލި ހިންގާ ކުންފުންޏެވެ. ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ.

މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އިއްޔެ ހަވާލު ކުރިއިރު، އެ ރަށުގެ އެކުއިޒިޝަން ކޮސްޓް ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ.

މާދެލީގެ ރިސޯޓު އެޅުމަށް އެސްއޭއެސް ކުންފުނިން ހެދި މާސްޓާޕްލޭން ވެސް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ އޮތީ އެޕްރޫވްކޮށްފަ އެވެ. އަދި އެ ރަށުގެ އީއައިއޭ ހެދުމުގެ ޓާމްސްތައް، އީޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.

އެސްއޭއެސްއާ ސަރުކާރުން މާދެލި ހަވާލު ކުރީ ކްރޮސް ސަބްސިޑީގެ އުސޫލުން ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ފައިސާ ހަމަޖައްސައިދޭ މަތިންނެވެ. ކްރޮސް ސަބްސިޑީގެ ދަށުން ފަތުރުވެރިކަމަށް ދިނުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ލިސްޓްގައި އަދިވެސް މާދެލި އެބަ އޮތެވެ.

އެ ރަށުގައި މަސް ފެކްޓަރީއެއް އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފ. ނިލަންދޫގައި ވާހަކަ ދައްކަވަމުން، މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިގަތީ އޯގަސްޓު 17، 2023، ގަ އެވެ. އެއީ އެސްއޭއެސްއާ މާދެލި ހަވާލު ކުރިތާ ދޮޅު މަސް ފަހުންނެވެ.

މާދެލީގައި މަސް ފެކްޓަރީ އެޅުމުގެ އެމްއޯޔޫގައި ސަރުކާރުން އިއްޔެ ސޮއި ކުރުމަށްފަހު ސަރުކާރުން ބުނީ އެ ރަށް ތަރައްގީ ކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި އެ ރަށުގައި ބަނދަރެއް ހެދުން ވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން، އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް ވެސް އަޅާނެ ކަމަށްވެ އެވެ.

މާދެލި ޕްރޮޖެކްޓުގެ ފަހު މަރުހަލާގައި ބިނާ ކުރަނީ 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެކެވެ.