ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ދެ ދާއިރާއެއް އިތުރުކޮށް، އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 23 ވާ އަންގާރަ ދުވަހު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އިނާމަށް ނަން ހުށައެޅުމަށް ހުޅުވާލުމުގެ ކުރިން ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމުދޭނެ ދާއިރާތަކާއި ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކުގެ ހިޔާލު ހޯއްދަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ގައުމީ އިނާމު ދެވޭ ދާއިރާތަކަށް ދެ ދާއިރާއެއް މި އަހަރު އިތުރުކުރުމަށް ކޮމިޓިން ވަނީ ނިންމަވާފަ އެވެ. އެއީ ދިވެހި ގައުމިއްޔަތުގެ ދާއިރާއާއި ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން އިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނޭ ކަމަށެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ އެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ހިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

ގައުމީ އިނާމު މި އަހަރުވެސް ދެއްވާނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.