ބޮލީވުޑްގެ ނަން މަޝްހޫރު ފަރާތްތަކުން ރާވާ ޕާޓީތަކަށް އާއްމުކޮށް ނުދާތީ ގިނަ ފިލްމުތަކެއްގެ ފުރުސަތު ގެއްލުނު ކަމަށް ކާމިޔާބު އެކްޓަރު ޕަރިނީތީ ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ވަނީ ފިލްމީ ދާއިރާގައި ލިބޭ ފުރުސަތުތައް މަދުވާ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.

"ގިނަ ފުރުސަތުތައް އުފެދި ހަދިޔާ ކުރެވެނީ ޕާޓީތަކާއި އެއްވުންތަކުގައި. އަހަންނަކީ އެކަހަލަ ކަންކަމަށް ދާ މީހެއް ނޫންކަމުން ގިނަ ފުރުސަތުތަކެއް ގެއްލުނު" ޕަރިނީތީ ބުންޏެވެ.

މީގެ އިތުރުން ވެސް ޕަރިނީތީ ވަނީ ބޮލީވުޑްގައި ރަނގަޅު ފުރުސަތުތައް ލިބެނީ ހުނަރުވެރި މީހުންނަށްވުރެ ބޮޑަށް ޕްރޮޑިއުސަރުންގެ "ފޭވަރިޓުންނަށް" ކަމަށް ބުނެފަ އެވެ.

ޕަރިނީތީ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "އަމަރު ސިންހް ޗަމްކީލާ"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރަމުންނެވެ.