ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ސައިންސްވެރިން ދެއްކުން ހުއްޓާނުލާ ވާހަކަ އެކެވެ. އެކަމުގެ އަސަރުތައް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާއިރު ވައި ތަޣައްޔަރު ވުމަކީ އޭގެ އެންމެ ބޮޑު އެއް ކަމެވެ.

އެގޮތުން އިންޑިއާއަކީ ދުނިޔޭގެ އެންމެ ވައި ނުސާފު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ ވެރިރަށް ދިއްލީގައި ވައި ނުސާފު ވުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ނަތީޖާއެއްގެ ގޮތުން ސާފު ވައި ހޯދުމަކީ ވެސް ވިޔަފާރިއަކަށް އެސަރަހައްދުގައި ވަނީ ވެފަ އެވެ. ގުދުރަތުން ދެއްވާފައިވާ މި ނިއުމަތަށް ވެސް ދިއްލީގެ ރައްޔިތުން ފައިސާ ދައްކަން ޖެހުމެވެ.

ދިއްލީގައި މިހާރު ސާފު އޮކްސިޖަން ވައި ފުޅިއެއްގެ އަގު އުޅެނީ 300 ރުޕީސްގަ އެވެ. މި އަގު ކުރިއަށް އޮތް ތަނުގައި އުފުލޭނެ ކަމަށް މާހިރުން ލަފާ ކުރެވެ އެވެ. މިފަދަ އޮކްސިޖަން ފުޅިތައް ދިއްލީގެ ބޭސް ފިހާރަތަކުން ލިބެން ހުރެ އެވެ.

ނުސާފު ވަޔަށް ނޭވާ ލުމުގެ ސަބަބުން ދިއްލީގައި ކޮންމެ އަހަރަކު އެތައް ހާސް މީހުންގެ ސިއްހަތަށް ގެއްލުންވެ އެވެ. އޭގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ވެސް ހިމެނެ އެވެ.